ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގެންފި

ޚަބަރު ފަހުގެ

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް ހިމެނޭ ޕެކޭޖެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ތަކެތި އަތުލައިގަތީ ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސްއަށް ޑިކްލެއާކޮށްފައިވާ އެ ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރި ކަަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލިބެލުމުގެ ތެރެއިން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އިތުރަށް ބެލި ބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ވަނީ އަތުލައިގަނެވިފައި،” ކަސްޓަމްސްގެ ޕޯސްޓުގައިވެ އެވެ.

ރާއްޖެ އެތެރެކުރަން އުޅުނު ވޭޕްތަކެއް އަތުލައިގެންފައިވާއިރު، މާލޭގައި ގަވާއިދާ ހިލާފަށް ވޭޕްގެ ވިޔަފާރިކުރާ ކަަމަށް ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބިދޭސީއަކު ވަނީ އަތުލައިގެންފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝްގެ އެމްޑީ އަބޫ ސުފްޔާން، 27، އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 15، އިން ފެށިގެން, ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އިރު، އެތެރެކުރި ކޮންމެ އީ-ސިނގިރޭޓް ނުވަތަ ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތަކަށް 10،000ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

އަދި ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކު 5،000ރ. ގެ ޖޫރިމަނާ ކުރާނެ އެވެ.

 

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ