އަންހެނުންގެ ސަތޭކަ މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑު އާއިޝަތު އުލްޔާ ޝާއިގު އާކޮށްފިއެވެ.
އުލްޔާ މި ރެކޯޑު އާކޮށްފައިވަނީ އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ޔޫ.ޑަބްލިއު.އެސް.ސީ (ދަ ޔުނައިވަސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ ވެސްޓްކޯސްޓް ސްވިމިންގ ކުލަބް)ގައި ކުރިއަށްދިޔަ މުބާރާތުގައެވެ.
ކުލަބް ނައިޓް ނަމްބަރު 5 ގައި އުލްޔާ މި ރެކޯޑު އާކޮށްފައިވަނީ 1:04:32 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
އަންހެނުންގެ ސަތޭކަ މީޓަރުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ އަމްނާ ތަޒްކިޔާ މިރުސާދުއެވެ. ތަޒްކިޔާ މި ރެކޯޑު އާކޮށްފައިވަނީ މިދިޔަ އަހަރު ސްރީލަންކާގައި ބޭއްވި އެ ގައުމުގެ ނޭޝަނަލް އެންޑް ޖޫނިއާ ނޭޝަނަލް ލޯންގްކޯސް ސްވިމިން ޗެމްޕިއަންޝިޕްގައެވެ. އެ މުބާރާތުގައި ތަޒްކިޔާ ރޭސް ނިންމާފައިވަނީ 1:05:03 އިންނެވެ.
އުލްޔާ ވަނީ މީގެ ކުރިން ވެސް ފެތުމުގެ ގިނަ ގައުމީ ރެކޯޑު ތަކެއް އާކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ފްރާންސްގެ ޕެރިހުގައި ކުރިއަށްދިޔަ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އިވެންޓު އޮލިމްޕިކްސްގައި ވެސް އުލްޔާ ވަނީ ރާއްޖެ ތަމްސީލު ކޮށްފައެވެ.