ސިފައިންނާއި ފުލުހުން ގުޅިގެން ގައުމީ ސަލާމަތާ ގުޅޭ ކުއްލި އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މިރޭ ބުނެފައިވަނީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ ފުލުހުންގެ ހިދުމަތާއި ސިފައިން ގުޅިގެން ޤައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ކަމަށެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައެއްނުވެ އެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ، މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދާކަމަށް އެކްސް އަދި ފޭސްބުކްގައި ޕޯސްޓު ކުރުމަށް ފަހު ފުލުހުން ވަނީ އެ ޕޯސްޓް ޑިލީޓްކޮށްފަ އެވެ. އެއަށްފަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ކުރިން ލީ ޕޯސްޓް ސޯޝަލް މީޑިއާއިން ނަގާފައިވަނީ ބައެއް ސެންސިޓިވް މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަމުން ދަނީ އެންމެ ސައްހަ މައުލުމާތު ހާމަ ކުރުމަށް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ފުލުހުންނާއި ސިފައިން ކުރިއަށްގެންދާ މިއޮަޕަރޭޝަނުގައި ޖުމްހޫރީ މައިދާން ކައިރިން ޕިކަޕެއްގައި އިން މީހަކު ހައްޔަރުކޮށްފައެވެ.
އެމީހާ ހައްޔަރު ކުރި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މޫނު އަޅައިގެން ތިބި ފުލުހުންތަކެއް ޖުމްހޫރީ މައިދާނާ ދިމާލުން ބޭރުމަގުން ދިޔަ ޕިކަޕެއް ހުއްޓުވައިގެން އުޅޭ މަންޒަރެވެ.
އެމްއެންޑީއެފް މީހުންވެސް ފުލުހުންނާއެކު އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. އަދި ޕިކަޕް ދުއްވަން އިން ދިވެހި ފިރިހެނެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ މާލޭގެ ދެގެއެއް ވެސް ބަލާ ފާސްކޮށްފައެވެ. ނަމަވެސް ފުލުހުން މީގެ ތަފްސީލެއް ހާމަނުކުރެއެވެ.