މޮޅަދޫ ކައުންސިލްގެ އިސްނެގުމުގެ ދަށުން، ހއ. މޮޅަދޫ ޑަބުލިއު.ޑީ.ސީ އަދި މޮޅަދޫ ސްކޫލް ގުޅިގެން ބޭއްވި “ނޫރު މަދަހަ މުބާރާތް” ގެ ދެވަނަ ސީޒަން އެއްވަނަ އެރަށު ފިނިވާގެ، މުޙައްމަދު ނިޝާމް ހޯދައިފިއެވެ.
އޭނާ އެމަގާމު ހޯދާފައިވަނީ ފައިނަލް ރައުންޑަށް ހޮވުނު 12 ބައިވެރިން ތެރޭ ހިމެނި އެންމެ މަތިން މާކުސް ހޯދައިގެންނެވެ. މުޙައްމަދު ނިޝާން ވަނީ ނޫރު މަދަހަ މުބާރާތުގެ ފުރަތަމަ ބުރުގައިވާދަކޮށް ފަހުރުވެރި ދެ ވަނަ ހޯދާފައެވެ.
މި މުބާރާތުގެ ދެވަނަ ހޯދާފައިވަނީ ހައްވާ ޝިއުފާ ޙުސައިން / ހާސިލް އެވެ. މިމުބާރާތު ސީޒަން-1 ގެ އެއްވަނައަށް ހޮވުނު ބަގީޗާގެ، ޙަސަން ޝިޔާމަށް މި ފަހަރު މުބާރާތުގައި ލިބިފައިވަނީ ތިންވަނައެވެ.
މި މުބާރާތުގައި އެއްވަނަ ބައިވެރިޔާއަށް 5000ރ، ދެވަނަ ބައިވެރިޔާއަށް 2500ރ އަދި 3 ވަނަ ބައިވެރިޔާއަށް 1500ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.
މިމުބާރާތުގެ ފައިނަލް ރައުންޑް ޝަރަފްވެރި ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤްއެވެ. އަދި ގެސްޓް ޖަޖެއްގެ ގޮތުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ، ޝަލަބީ އިބްރާހީމް ބައިވެރިވެފައިވެއެވެ.
މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 4 އުމުރުފުރަޔަކަށް ބަހާލައިގެންނެވެ. އެއީ 9 އަހަރުން ދަށް، 13 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 16 އަހަރުން މައްޗެވެ. މިމުބާރާތުގައި އެކި އުމުރުފުރާތަކުން ޖުމުލަ 56 ބައިވެރިން މަދަހަ ހުށަހަޅާދީފައިވެއެވެ.