މާދަމާ ރޭ އާތު އަވާ ފާހަގަކުރަނީ

ޚަބަރު ފަހުގެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ އާތު އަވާ މާދަމާ ރޭ ރާއްޖޭގައި ފާހަގަކުރުމަށް ނިންމައިފިއެވެ.

ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ، އާތު އަވާ ފާހަގަކުރާނީ މާދަމާ ރޭ 08:30 އިން 09:30ގެ ނިޔަލަށް ކަމަށެވެ. އެގޮތުން، އެ ވަގުތަށް ކޮންމެހެން ބޭނުން ކުރަން ޖެހޭ ތަކެތި ފިޔަވައި، އެހެން ދިއްލުންތައް ނިއްވާލުމަށް މިނިސްޓްރީން އެދިފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީ ހިމާޔަތް ކުރުމަށާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ސަބަބުން ނެތިދާ ދިރުންތަކާއި މާހައުލީ ބަދަލުތަކަށް ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އާތު އަވާގައި ބައިވެރިވުމަށް މިނިސްޓްރީން އެދެއެވެ.

އެހެންވެ، އެ ހަރަކާތުގައި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކުންނާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ މި ހަރަކާތަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.

މި ހަރަކާތުގައި މަގުޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަ ކަމުގެ އަޒުމު ދައްކުވައިދިނުމަށް ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެއިތުރުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ ‘ލައިޓް އައުޓް” ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކިވަކި ފަރުދުންނާއި އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމަށް ހިތްވަރު ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ، ރާއްޖެއަކީ މުސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ. އެހެންވެ، އާތު އަވާ ހަރަކާތުގައި އެންމެން ވެސް ބައިވެރިވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހަންމިއްޔަތުކަން ދެމެހެއްޓުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ