އަޅުގަނޑުމެންނާއި ބައްދަލުކުރި ރަމަޟާން މަސް، މިހާރު އަޅުގަނޑުމެންނާ އަލްވަދާޢު ކިޔަނީއެވެ. ބަރަކާތަށް އެދި އުންމީދުކުރި މި މާތް މައްސަރު އަޅުގަނޑުމެންނާ ވަކިވެ ދަނީއެވެ. އެ މައްސަރަކަށްޓަކައި އަޅުގަނޑުމެން ތައްޔާރުކުރަމުން ދިޔަ ޢަމަލުތައް ނިމުމަކަށް އަންނަނީއެވެ.
މި މައްސަރު އަޅުގަނޑުމެންނާ ވަކިވެދިޔަކަމުގައިވިޔަސް އަޅުގަނޑުމެން ހިފަހައްޓަން ޖެހޭ އުޞޫލުތަކެއް އަދި ސަމާލުކަންދޭންވީ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންނާ މިމަހާ ބައްދަކުރީތީ އެކަމަށްޓަކައި ﷲ އަށް ޙަމްދުކުރަން ޖެހެއެވެ. އަދި އެއަށްފަހު އަދާކުރި އަޅުކަންތަކުގެ ޘަވާބު ފުރިހަމައަށް ދެއްވާތޯ ގިނަގިނައިން އެއިލާހަށް ދުޢާކުރުންމަތީ ދެމިހުންނާށެވެ. އިޚްލާޞްތެރިކަމާ އެކުގައި އަދި އެއިލާހު އަންގަވާފައިވާ ގޮތަށް ހެޔޮ ޢަމަލުކުރާ މީހުންގެ ދަރުމަ އެއިލާހު ގެއްލެނި ނުކުރައްވައެވެ. މި މަތިވެރި މައްސަރުގައި ނުބައި ޢަމަލެއް ކުރި މީހަކު ދަންނާށެވެ. އެމީހަކު ﷲ ތަޢާލާގެ ޙަޟްރަތަށް ތެދުވެރި ތައުބާއަކުން ތައުބާވާށެވެ. ތައުބާވާ މީހުންގެ ތައުބާ އެއިލާހު ޤަބޫލުކުރައްވައެވެ.
ރަމަޟާންމަހުގައި ހީވާގިކަމާ އެކު ކުރި އަޅުކަންތައް ރަމަޟާންމަހަށް ފަހުގައިވެސް އަދާކުރެވޭތޯ ﷲ ތަޢާލާގެ ޙަޟްރަތަށް ދުޢާ ކުރާށެވެ. އެމަހުގައި ނަމާދު ވަގުތުތަކަށް ސަމާލުވި ފަދައިން އަދި ނަމާދުގެ ޖަމާޢަތަށް ރައްކާތެރިވި ފަދައިން އެމަހަށް ފަހުގައިވެސް އެކަމަށް ރައްކާތެރިވާށެވެ. އަދި އެމަހުގައި ގިނަ ސުންނަތް ނަމާދުތަކެއްކޮށް އަދި ރޭއަޅުކަމާއި ވިތުރިއަދާކުރި ފަދައިން ރަމަޟާން މަހަށް ފަހުގައިވެސް އެކަމަށް ހިތްވަރުކޮށް އެކަމުގައި ސާބިތުވާށެވެ. އަދި ކީރިތި ޤުރުއާން ކިޔަވައި ޞަދަޤާތްކޮށް، ދުޢާކޮށް އަދި ދީނީ ދަރުސްތައް އަޑުއެހިފަދައިން، ރަމަޟާންމަސް ނިމުނު ކަމުގައިވިޔަސް އެކަންކަމުގައިވެސް ކުރިއަށް ދާށެވެ. އަދި ހުރިހާ ހެޔޮ ޢަމަލެއްގެ މަތީގައިވެސް ސާބިތުކަންދެއްވާތޯ ގިނަގިނައިން ދުޢާކުރާށެވެ. އަންނަނިވި ދުޢާއަކީ އެފަދައިން ކުރެވިދާނެ ވަރަށް މަތިވެރި ދުޢާއެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވި އެވެ. ﴿ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا ﴾
“އަޅަމެންގެ ރައްބެވެ! އަޅަމެންނަށް ތެދުމަގު ދެއްކެވުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ!” (آل عمران: 8)
އަދި މާތް ނަބިއްޔާ ﷺ ގިނަގިނައިން ކުރެއްވި ދުޢާއެއްގައިވެއެވެ.
«يَا مُقَلِّبَ القُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ» [رواه الترمذي (2140) وصححه الألباني في تحقيقه للمشكاة (102)]
މާނައީ: “އޭ ހިތްތައް ފުރޮޅުއްވާ އިލާހެވެ! ތިމަންކަލޭގެފާނުގެ ހިތްޕުޅު، އިބަ އިލާހުގެ ދީން މަތީ ޘާބިތުކޮށްދެއްވާނދޭވެ!”