ވައިބާ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަ އިތުރުވާތީ ސަމާލުވާން އެދިއްޖެ

ޚަބަރު ފަހުގެ

ވައިބާ ހެކްކޮށްގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ ޚިދުމަތުގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ވައިބަރ ހެކްކޮށްގެން ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެހެންކަމުން ފައިސާ ފޮނުވުމުގެ ކުރިން ކާކުތޯ ޔަގީންކުރުމަށާއި ހަމަ މެސެޖެއް ލިބޭ އިރަށް ފައިސާ ނުފޮނުވުމަށާއި އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ސައިބަރ ކްރައިމް ޑިޕާޓްމަންޓުން ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން ނުވަތަ އެކި މީހުންގެ ނަމުގައި ގުޅައިގެން ހިންގާ ސްކޭމްތަކަށް ސަމާލުވުމަށްވެސް އެދިފައެވެ.

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ޚާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުން ވަނީ ޤާއިމްކޮށްފައެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެ އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ.

މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

ނޭޝަނަލް އިމަރޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް reportscam@police.gov.mv މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެފައި ވެއެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ