ޤައުމީ މަސައްކަތެއްގެ ގޮތުގައި ތެލަސީމިއާ ސެންޓަރުގެ މަސައްކަތް މާދަމާ ފަށައި، އެއްމަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރައްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފެއްޓެވި ޚާއްޞަ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތެލަސީމިއާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން މިހާރު ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ “ރައްޔިތުންނާއެކު” ޕޮޑްކާސްޓްގައި ހިއްސާކުރައްވާފައެވެ. އެގޮތުން ތެލަސީމިއާ ކުދިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ވަގުތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުވާފައިވާކަމަށާއި، މިކަމަށް ދާއިމީ ޙައްލެއް ގެންނެވުމަށް ވަޢުދުވެވަޑައިގެންނެވި ސްޓޭޓް އޮފް ދަ އާޓް ތެލަސީމިއާ ހޮސްޕިޓަލުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވެރިކަމާ ޙަވާލުވެވަޑައިގެން ކުރީކޮޅު ބަޔަކާ ޙަވާލުކޮށްގެން ހުޅުމާލޭގައި ވަގުތީގޮތުން ތެލަސީމިއާ ސެންޓަރުގައި ހުރި އެކި މައްސަލަތަކަށް ހައްލެއް ގެންނެވުމަށް ޙަވާލުކުރެއްވި “އޮރެންޖް ހިޔާ”ގެ މަސައްކަތް ކުރިއަށްނުދާކަން ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން ކޮންޓްރެކްޓް ހަމަވާތީ، ކޮންޓްރެކްޓް އައުނުކޮށް މިމަސައްކަތް ޤައުމީ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވާއި، ޤައުމީ ދިފާޢީ ބާރު މެދުވެރިކޮށް މިމަސައްކަތް ކުރުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“މިހާރު މިމަހުގެ 28 ވަނަ ދުވަހު ސިފައިން މިމަސައްކަތް ފަށާނެ ޤައުމީ މަސައްކަތެއްގެ ގޮތުގައި ސީދާ ސިފައިން ޢަމަލީގޮތުން އެތަން ހަދައިދޭށޭ އެއޮންނަ ޑީޒައިނަކަށް އެހުންނަންޖެހޭ ކަންކަމަކާއެކު. އެޕްރީލް މަސްނިމެންވާއިރަށް އިރާދަކުރެއްވިއްޔާ، އެއްމަސް ދުވަސްތެރޭގައި ނިންމަން ސިފައިން އެމަސައްކަތް ފަށަނީ” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.