ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލު ހިމެނޭހެން 10 ރަށެއްގެ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ އައު އިމާރާތް އަޅަން ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ހެލްތު މިނިސްޓްރީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތުގެ މަސައްކަތްތައް ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.

އޭގެ ތެރެއިން ހަތަރު ރަށެއްގެ ހޮސްޕިޓަލާއި އެއް ރަށުގެ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އިރު، ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒެއްގެ އާ އިމާރާތުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކުރިއެވެ. އަދި ތިން ސިއްހީ މަރުކަޒެއްގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

 

ރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ށ. މިލަންދޫ ހޮސްޕިޓަލާއި ކ. ތުލުސްދޫ ހޮސްޕިޓަލާއި އއ. ރަސްދޫ ހޮސްޕިޓަލާއި ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އާ އިމާރާތުގެ އިތުރުން ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ.

އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ހދ. ނެއްލައިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް – 11،197،462.90 (11.9 މިލިއަން) ރުފިޔާއަށް، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • ށ. މިލަންދޫ ހޮސްޕިޓަލުގެ އާ އިމާރާތް – 110،878،732.12 (110.8 މިލިއަން) ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. އާރުޑީސީއާ ހަވާލުކުރީ ނ. ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތުގެ އިތުރުން އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ.

އާރުޑީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ނ. ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތް – 108,322,537.03 (108.3 މިލިއަން) ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • އދ. ފެންފުށީ ސިއްހީ މަރުކަޒުގެ އާ އިމާރާތް – 26,839,684.82 (26.8 މިލިއަން) ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

 

އެ ރަސްމިއްޔާތުގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުﷲ އެވެ. ފެނަކައާ ހަވާލުކުރީ ބ. ކުޑަރިކިލު ސިއްހީ މަރުކަޒާއި ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އިތުރުން ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ.

  • ކ. ތުލުސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް – 110،716،537.72 (110.7 މިލިއަން) ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • އއ. ރަސްދޫ ހޮސްޕިޓަލުގެ އާ އިމާރާތް – 185،571،402.42 (185.5 މިލިއަން) ރުފިޔާއަށް، 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް
  • ގއ. ވިލިނގިލީ ހޮސްޕިޓަލުގެ އާ އިމާރާތް – 185،571،402.42 (185.5 މިލިއަން) ރުފިޔާއަށް، 780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

 

ފެނަކައާ ހަވާލުކުރި މަޝްރޫއުތަކުގެ ތަފްސީލު:

  • ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގެ އާ އިމާރާތް – 7,641,116.64 (7.6 މިލިއަން) ރުފިޔާއަށް، 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
  • ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ އާ އިމާރާތް – 6،763،307.54 (6.7 މިލިއަން) ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް
  • ގދ. ނަޑެއްލާ ސިއްހީ މަރުކަޒުގެ އާ އިމާރާތް – 6،757،395.89 (6.7 މިލިއަން) ރުފިޔާއަށް، 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް

 

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ