ޝެއިހް އިލްޔާސްގެ މަންމަ ނިޔާވެއްޖެ

ޚަބަރު ފަހުގެ

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ޑރ. އިލްޔާސް ހުސައިންގެ މަންމަ މިރޭ ނިޔާވެއްޖެ އެވެ.

އުމުރުން 91 އަހަރުގައި އައިޝަތު ދިޔެ އަވާހަރަވީ މިރޭ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އިޝްތިހާރު
އިޝްތިހާރު

ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ އީދު ނަމާދަށް ފަހު އައްޑޫ ސިޓީ ހިތަދޫ މަސްޖިދުލް އިކްރާމް (ފަޒާ މިސްކިތް)ގަ އެވެ.

އައްމާރު އަލީ ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އަރަފާތް ހައްޖު އެންޑް އުމްރާ ގުރޫޕުގެ އުމްރާވެރިން ގޮވައިގެން ޝައިހް އިލްޔާސް މައްކާއަށް ވަޑައިގެން ހުންނަވަނިކޮށް މަންމާފުޅުގެ ހާލު ދެރަވެ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެއްވަން ފެއްޓެވި ކަމަށެވެ.

”ބަލިބޮޑުވެ ހޭވެރިކަންނުވާ ހިސާބަށް މަންމާފުޅުގެ ހާލަތު ދަށްވަމުންދިޔަ ހިނދުވެސް ހޭވެރިކަމެއްވާ ވަގުތެއް ނަމަ ޝައިހް ކޮބައިތޯ ސުވާލު ކުރައްވަމުން ގެންދެވި އެވެ. ދަރިކަލުން އިލްޔާސް ކޮބައިތޯ އާއި ދަރިކަލުން އިލްޔާސް ނާދޭތޯ އާއި މެދު ކުރައްވަމުން ގެންދެވި ސުވާލުތައް ތަކުރާރު ކުރައްވަމުން ގެންދެވުންވީ ޝައިހަށް ފުން ހިތާމައެއް ތަހައްމަލު ކުރަންޖެހުނު ކަމަކަށެވެ،“ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އެ ޕޯސްޓުގައި އިތުރަށް ބުނީ، މަންމާފުޅުގެ ހާލަތު މާބޮޑަށް ސީރިއަސް ވާން ފެށުމުން އުމްރާވެރިންގެ އުމުރާގެ އަޅުކަމުގެ ކަންކަން ނިމިފައިވާތީ ޝައިހް ރާއްޖެ ވަޑައިގެންނެވި ކަމަށެވެ. އަދި އައްޑޫއަށް ފުރަން އޮތް އެންމެ އަވަސް ފްލައިޓުން އައްޑޫއަށް ވަޑައިގެންނެވި ކަމަށްވެސް ލިޔެފައިވެ އެވެ.

”އައްޑޫއަށް ވަޑައިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫއަށް ވަޑައިގެން މަންމާފުޅާއި ބައްދަލުކުރައްވާ ވާހަކަފުޅު ދެއްކެވި އެވެ. އޭގެ ފަހުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޝައިހްގެ މަންމާފުޅު މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔުއްވި އެވެ،“ އަރަފާތު ހައްޖު އެންޑް އުމްރާ ގުރޫޕުގެ ފޭސްބުކް އެކައުންޓުން ޝެއާ ކޮށްފައިވާ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

 

ޝެއިހް އިލްޔާސްގެ މަންމަ އަވަހާރަވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝެއިހް އިލްޔާސްގެ މަންމަ ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ، މައްޔިތާއަށް ހެޔޮ ރަހުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުއާ ކުރައްވާފަ އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން. ޝައިޚްގެ މަންމާފުޅުގެ ފާފަ ފުއްސަވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި! އާމީން!