ފެބުރުވަރީ މަހުގެ 27 ވަނަ ދުވަހު ސަރުކާރު ސްކޫލްތަކަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ސޮއިކުރައްވައި ފޮނުއްވި ސަރކިއުލާގައި ބުނެފައިވާ ގޮތުގައި، ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހުމާނުން ހަމަޖެއްސުމުގައި ވަކި އުޞޫލުތަކެއްގެ ތެރެއިން އެކަން ކުރުމަކީ މުހިންމު ކަމެކެވެ. އަދި މުޖުތަމަޢުގެ މަސްލަހަތާއި ދަރިވަރުންނަށް އެކަމުގައި އެންމެ ފައިދާވާނެ ގޮތަކަށް ކަންކަން ކުރުމުގެ މަގު ފަހިކޮށްދިނުމަކީ މިނިސްޓްރީގެ ސިޔާސަތު ކަމުގައިވެސް ބުނެފައިވެއެވެ.
ސްކޫލްތަކުން ފާހަގަކުރާ ރަސްމިއްޔާތުތަކަށް ޝަރަފުވެރި މެހުމާނުން ހަމަޖައްސުމާ ބެހޭ އައު އުޞޫލުގައި ކަނޑައަޅާފައިވާ މިންގަނޑުގައި ހަތަރުކަމެއް ފާހަގަކޮށްފައިވެއެވެ.
ސްކޫލުތަކުގައި ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރި ކުރުމަށް ހަމަޖައްސާ ފަރާތަކީ، މުޖްތަމަޢު ޤަބޫލުކުރާ އަޚްލާޤީ ގޮތުން ދަރިވަރުންނަށް ނަމޫނާއަކަށް ވާފަދަ މީހަކަށްވުމާއި، ދަރިވަރުންގެ ޢުމުރާގުޅޭ ގޮތަށް ޢިލްމީ ގޮތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަދަ މީހަކަށް ވުމާއި، އެއްވެސް ބާވަތެއްގެ ޖިނާޢީ ކުށެއްގެ ތުޙްމަތެއް ކުރެވިފައިވާ މީހެއްކަމުގައިގައި ނުވުމާއި، އަދި މިފަދަ ކުށެއްގެ ތަހުގީގެއް ކުރެވެމުންދާ މީހެއްކަމުގައި ނުވުން، އަދި މިފަދަ ކުށެއްގެ ސަބަބުން ކުމެއް ތަންފީޒުކޮށްނިމި، 10 އަހަރު ފާއިތުވެފައިވުމާއި، އަދި ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމުގެ ކުށެއް ސާބިތުވެ، އެފަދަ ކުށެއްގެ ރެކޯޑް އޮތް މީހަކު ކަމުގައި ނުވުމެވެ.
މި އުޞޫލުގައި ވަނީ، ސްކޫލުތަކުން ބާއްވާ ރަސްމިއްޔާތުތަކުގެ ގިންތިތަކާއި ޝަރަފުވެރިކޮށް ދެއްވާނެ ބޭފުޅުން ކަނޑައަޅާނެ ފަރާތްތައް ވެސް ބަޔާންކޮށްފައެވެ. އެގޮތުން ސްކޫލުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާއާއި އަދި ސްކޫލުގެ އަހަރީ ދުވަސްތަކުގެ ތެރެއިން މުޖްތަމަޢުގެ ބައިވެރިވުމާއެކު އެޑިޔުކޭޝަން މިނިސްޓްރީން ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތައް، މިގޮތުން ސްކޫލަށް 10 އަހަރާއި 25 އަހަރާއި 25 އަހަރާއި 50 އަހަރާއި 75 އަހަރު އަދި 100 އަހަރު ފުރުން ފާހަގަކުރާ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ފަރާތެއް ކަމަށް ވެސް މިނިސްޓްރީގެ ސަރކިއުލައިގައިވެއެވެ.
ސްޓޫޑެންޓްސް ޕޯސްޓް އެވޯޑިން ސެރަމަނީ އަދި ސްކޫލުގެ ގްރެޖުއޭޝަން ސެރަމަނީ ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލެވެ. ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތައް ފިޔަވައި، ސްކޫލް ފެންވަރުގައި ފާހަގަކުރާ ސްކޫލުގެ އަހަރީ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ އެޑިޔުކޭޝަން މިނިސްޓްރީއާ މަޝްވަރާކޮށްގެން ކަނޑައަޅާ ފަރާތަކެވެ.
ޚާއްޞަ އެސެމްބްލީ، ދަރިވަރުންގެ ޚާއްޞަ ހުނަރުތައް ދައްކާލުމަށް ބާއްވާ ޙަރަކާތްތައް، ޔުނީފޯމް ޙަރަކާތްތަކާއި ސްކޫލު ފެންވަރުގައި ބާއްވާ ތަފާތު މުބާރާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ސްކޫލުގެ ޕްރިންސިޕަލް ނޫނީ ޕްރިންސިޕަލް ކަނޑައަޅާ އެހެން ސްކޫލެއްގެ ޕްރިންސިޕަލެއް ނުވަތަ ދާއިރާގެ ފަންނީ ބޭފުޅެކެވެ. މީގެތެރޭގައި އެ ސްކޫލެއްގެ އިސް ފަރާތްތައް ހިމެނިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުންވެސް މި އުޞޫލުގައިވާ ގޮތުން، ޝަރަފުވެރި މެހުމާނުންނަށް ދައުލަތުގެ އިސްފަރާތްތައް ހަމަޖެއްސުމަށް ދައުވަތު ދޭނީ އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
* ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން
* ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އަދި މަޖިލީހުގެ މެމްބަރުން
* އުއްތަމަ ފަނޑިޔާރު
* ކެބިނެޓް މިނިސްޓަރުން
* ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ސަފީރުން.
* ދައުލަތުގެ ޚާއްޞަ ޕްރޮޓޮކޯލްތައް ފޮލޯ ކުރައްވާ އެހެނިހެން ބޭފުޅުން.
ޝަރަފުވެރި މެހުމާނުން ކަނޑައެޅުމުގައި އުޞޫލުގައިވާ ގޮތުން ޙާލަތަށް ރިޢާޔަތްކޮށް ރަސްމިއްޔާތަށް ކަނޑައަޅާފައިވާ ޝަރަފުވެރި މެހުމާނުން ބަދަލު ކުރުމާއި އެހެން ފަރާތެއް ކަނޑައެޅުމުގެ އިޚްތިޔާރު އެޑިޔުކޭޝަން މިނިސްޓްރީއަށް ދީފައިވާ ކަމަށްވެސް ސަރކިއުލާގައި ވަނީ ބުނެފައެވެ.
އަލަށް އެކުލަވާލި އުޞޫލަށް ޢަމަލުކުރަން ފެށުމުން ސެޕްޓެމްބަރު 8، 2019 ގައި ނެރުނު އުޞޫލުވަނީ ބާޠިލްވެފައެވެ.
ރަނގަޅު. އަބުރު ގެއްލިފައިވާ ފަރާތްތަކަށް އެފަދަ ފުރުސަތު އެއްގޮތަކަށްވެސް އޮވެގެން ނުވާނެ.