މުދާ ހިފައިގެން ދަތުރުކުރަނިކޮށް ރޯވި ބޯޓުން ގެއްލުނު އަލީ މުޝްފިގު މުހައްމަދު ޝަރީފުގެ މައްޗަށް މާދަމާ ޣައިބުގައި ކަށުނަމާދު ކުރަން ނިންމައިފި އެވެ.
އޭނާ އުފަން ލ. މާވަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނީ 25 އަހަރުގެ ޒުވާނާގެ މައްޗަށް ކަށުނަމާދު ކުރާނީ ހުކުރު ނަމާދަށްފަހު އެ ރަށު މަސްޖިދުލް ބިލާލުގައި ކަމަށެވެ.
އަންހެނުންނަށް ވެސް ކަށުނަމާދުގައި ބައިވެރިވެވޭނެ ކަމަށާއި ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދޭ ކަމަށް އެ އިއުލާނުގައިވެ އެވެ.
ތ. އަތޮޅު އަދި ލ. އަތޮޅުން މުދާ ހިފައިގެން ދަތުރުކުރި އެ ބޯޓުގައި މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ރޯވިއިރު 18 މީހުން އެ ބޯޓުގައި ތިއްބެވެ.
ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ވަޒީފާއަދާ ކުރާ ޒުވާނާގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރަން ނިންމިއިރު، އެމްއެންޑީއެފުން ބުނީ މުޝްފިގު ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކަމަށެވެ. އަދި ކަނޑާއި އެއްގަމުގެ ސަރަހައްދުތައް ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލިޓެކްނިކްގައި އާކިޓެކްޗާގެ ދާއިރާއިން ކިޔަވަމުންދާ މުޝްފިގް ރަށަށް ދިޔައީ ރޯދައިގެ ފަހު 10 ގައި ލިބުނު ބަންދުގައި މައިންބަފައިންނާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.