“ޗަރލީ” އަލުން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ޚަބަރު ފަހުގެ

ވެލާނާ އެއަރޕޯޓް (ވީއައިއޭ)ގައި މިހާރު ބޭނުންކުރަމުންދާ އަދި އެންމެ ދުވަސްވީ ޓެކްސީވޭ “ޗަރލީ” އަލުން ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

3،200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ކަމަށް، ވީއައިއޭ ބަލަހައްޓާ އެމްއޭސީއެލްއިން ބުންޏެވެ. މިގޮތުން ފްލައިޓް ޓަރން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެ ކަމަށް، އެމްއޭސީއެލްއިން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އެވެ.

މަަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ބީޔޫސީޖީ އާއި އެމް.އޭ.ސީ.އެލް އެކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުންދާތާ 10 އަހަރުވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އެކުންފުނީގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ސީއީއޯ ޝުކުރު އަދާ ކުރެއްވިއެވެ.

ޓެކްސީވޭ-ޗާރލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާތަނެވެ. މި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ މަތިމަތިން މަރާމާތު ކުރެވެމުންދިޔަސް، މި ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަރޖެންސީ ރަންވޭއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވިއެވެ.

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީ.ޔޫ.ސީ.ޖީ ގެ ޗެއާރމަން ލީ ވެއިޑޮންގ ވިދާޅުވީ އެމް.އޭ.ސީ.އެލްއާއި އެކުގައި މަސައްކަތް ކުރެވުނު ދިހަ އަހަރުތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ، އިތުބާރުބޮޑު ޕާޓްނަރޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީ.ޔޫ.ސީ.ޖީ ގެ ކޮންމެ ޕްރޮޖެކްޓެއްވެސް ނިންމާފައިވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، މި ޕްރޮޖެކްޓަށްވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޓެކްސީވޭ ޗަރލީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ 1981 ވަނައަހަރު ވައިޑް ބޮޑީ އެއަރކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްޤީ ކުރެވިފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް 2004 ގެ ސުނާމީއަށްފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަންޖެހޭ ޙާލަތަށް ގޮސްފައިވެއެވެ.

މި މަސައްކަތް ފެށުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާރޖް ޑެފެއާޒް ހެ ފެން، އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ބީ.ޔޫ.ސީ.ޖީ ގެ ޗެއާރމަން ލީ ވެއިޑޮންގ އަދި އެމް.އޭ.ސީ.އެލް ގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވަޑައިގެންނެވި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ