ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި 400 ހައުސިން ޔުނިޓު އިމާރާތްކުރަނީ

ޚަބަރު ފަހުގެ

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ އެހީގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު މިއަދު އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރާއި، ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހުމާން އަލް-މުރްޝިދް އެވެ.

އިޝްތިހާރު
އިޝްތިހާރު

މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ފަހިވާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 400 ސޯޝަލް ހައުސިން ޔުނިޓު އިމާރާތް ކުރެވޭނެއެވެ. ނަމަވެސް، މި މަޝްރޫއަށް ހަރަދުވާ ފައިސާގެ މިންވަރު ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސައުދީ ފަންޑު ފޯ ޑިވެލޮޕްމެންޓުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހުމާން އަލް-މުރްޝިދް ތިން ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި، މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް މަޝްރޫއަށް ސައުދީ ފަންޑުން ދޭ އިތުރު 17 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ވެސް ސޮއިކުރައްވާފައެވެ.

ސައުދީ ފަންޑުން ވަނީ 1978 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މުހިންމު އެތަށް މަޝްރޫއަކަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެ ފަންޑުން މިހާތަނަށް ރާއްޖެއަށް ދިން ޖުމްލަ އެހީ 488 މިލިއަން ޑޮލަރަށް އަރަ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ