މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ދެ މީހުން ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ މ. އަލިހަވާ / މާލެ ރާއިފް ޔޫސުފް (28އ) އަދި ރާއިގް ޔޫސުފް (28) އެވެ.
ފުލުހުން ވިދާޅުވީ، އެމީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓް ޓީމާއި ފޭސް އެކެއް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕްރޭޝަނެއްގައި ހުޅުމާލޭގައި އެ ދެމީހުން ދިރިއުޅެމުންދާ ގެއިން ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ މީހުން ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއި، އެއާއި ގުޅުން ހުރި ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި “ވީޑް ގްރައިޑާ” އާއި ވޭޕުގެ އިތުރުން ވަޅިއެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މިމައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.