ސިވިލް ސަރވިސްގެ މަސައްކަތުމީހުންނަށް ލިބެނީ ހައްޤުމިންވަރުތަ؟

ކޮލަމް ފަހުގެ

20 އޭޕްރީލް 25 ވަނަ ދުވަހަކީ ސިވިލް ސަރވިސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާތާ 20 އަހަރު ފުރޭ ދުވަހެވެ. ކުރިން އޮތް ގޮތުންނަމަ ޕެންޝަން ލިބުނީ އެވެ. އެހެންނަމަވެސް ހިތާމައަކީ އެފުރުސަތު ވެސް ނެތްކަމެވެ. 20 އޭޕްރިލް 2005 ގައި ވަޒީފާ އަދާކުރަން ފެށި އިރު މުސާރަ އަކީ ހަނދާން ވާ ގޮތުންނަމަ  2700 ރުފިޔާ އެވެ. ސިވިލް ސަރވިސްގެ އޮނިގަނޑު ރައީސް ނަޝީދު ގެ ވެރިކަމުގައި ބަދަލު ވެގެން ދިއައިރު އަޅުގަނޑު ގެ މުސާރައަކީ -/2900 (ދެހާސް ނުވަސަތޭކަ ރުފިޔާ) އެވެ. އައު އޮނިގަނޑަށް ބަދަލު ވުމުން -/3100 (ތިންހާސް އެއް ސަތޭކަ) ރުފިޔާ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ ޑިވިޜަނެއްގެ ގޮތުގައި ސަރުކާރު މުވައްޒަފުންތިބި ދުވަހެވެ. އެދުވަހު 10 އަހަރު ވުމުން ދިގު މުއްދަތުގެ އެލަވަންސް އާއި، 20  އަހަރު ވުމުން ޕެންޝަން އެލަވަންސް އާއި، ހާޒިރީ އެލަވަންސް އާއި، އިތުރު ގަޑީގެ ފައިސާ އާއި، ބަންދު ދުވަހު މަސައްކަތް ކުރާ މުވައްޒަފުންނަށް ބަންދު ދުވަހުގެ ފައިސާ ފަދަ އެތައް އެލަވަންސް ތަކެއް އައީ ލިބެމުންނެވެ. އެހެންކަމުން ގެއަށް ގެންދަން 10 ވަރަކަށް ހާސް ރުފިޔާ ލިބެ އެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން ސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންނަށް ގެއަށް ގެންދަން މިލިބެނީ 7000(ހަތް ހާސް) އެއްހައި ރުފިޔާއެވެ.

އިޝްތިހާރު
އިޝްތިހާރު

ސިވިލް ސަރވިސް މުވައްޒަފުންނަށް ވެސް ވަރަށް ގިނަ އެލަވަންސް ތަކެއް ލިބެއެވެ. ސަރވިސް އެލަވަންސް އާއި ސަޕޯޓިންކޯ އެލަވަންސް އާއި، މުސާރައިގެ ތިރީސް ފަސްޕަސެންޓް އެލަވަންސް އާއި މިނިމަމް ވޭޖް އެލަވަންސް އަދި މީގެ އިތުރުން ބައެއް މުވައްސަސާ ތަކުން ތަފާތު އެލަވަންސް ތަކެއް ދެމުންދާ ކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް ލިބެނީ -/7000 (ހަތް ހާސް) ރުފިޔާ އެވެ.

އަޅުގަނޑުމެންނަށް މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތުމުގެ ސަބަބުން އަޅުގަނޑުމެން ފަދަ އާދައިގެ މުވައްޒަފުންގެ ގިނަ ގުނަ ހައްގުތަކެއް މިވަނީ ގެއްލިގެން ގޮސްފައެވެ. ސިވިލް ސަރވިސް ކޮމިޝަނާއި ޕޭ ކޮމިޝަނެއް އޮވެމެ އަޅުގަނޑު މެންގެ ހާލަތު މިހާ ދަށްކޮށްލުމީ  އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއްނޫނެވެ. ސިވިލް ސަރވިސް ކޮމިޝަނާއި ޕޭކޮމިޝަންގެ ބޭފުޅުން ނިކުންނަވާ ބާޒާރުގެ އަގުތައް ބައްލަވާލެއްވުން  އަޅުގަނޑު އެދެމެވެ.

ކޮންމެ ބަޔަކުވެސް  ރިޔާސީ ކެމްޕޭން ގެ ދުވަސްވަރު އެންމެ ބާރުލާފައި ދައްކަނީ ސިވިލްސާވިސް މުވައްޒަފުންނަށް ލިބޭ މުސާރަ ކުޑަކަމާއި އެލިބޭ މުސާރައިން އެ މުވައްޒަފުންގެ ދިރިއުޅުމުގެ ޚަރަދުތައް ހަމަނުޖެއްސޭނެ ވާހަކައެވެ. އެމުވައްޒަފުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ މުސާރަ އެއް ލިބެންޖެހޭނެ ވާހަކަ އެވެ. ނިމިގެން ދިއަ ދެ ސަރުކާރަކީ ވެސް މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ލިބިފައިވާ ސަރުކާރު ތަކެވެ. އެއާއި އެކުވެސް ކުރި އެއްކަމެއްވެސް ހަރާމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނަށްވެސް އަޅުގަނޑު މެންގެ ވާހަކަ ދައްކާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އެބޭފުޅުން ގެންދެވީ މޮޅެތި ވާހަކަތަކާއި ޑްރާމާތައް ކުޅުއްވާ ރައްޔިތުން ވާ ވެއްދުމުގެ މަސައްކަތާއިގެން ބާރަށް ކުރިއަށެވެ. ނިމިދިއަ ސަރުކާރުން ވެސް އެންމެ ބާރުލާފައި ދެއްކި ވާހަކައަކީ މިނިމަމް ވޭޖެއް ކަނޑައެޅި  ވާހަކައެވެ. އެހެންނަމަވެސް ކަނޑައެޅުނީ އެލަވަންސް އެކެވެ. އެވެސް -/832 (އަށްސަތޭކަ ތިރީސް ދެ ރުފިޔާ)އެވެ. ސާފުކޮށް ފެންނަން މިއޮތީ ރައްޔިތުންގެ މަޖިލީހާއި ވޭޖު ބޯޑާއި ޕޭ ކޮމިޝަނާއި ސިވިލްސާވިސް ކޮމިޝަނުން ޖުމްލަގޮތެއްގައި ސަރުކާރުން އަޅުގަނޑު މެންނަށް ގައްދާރު ވާމިންވަރެވެ. އިޚުލާސް ތެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. ކޮންމެ އިންތިހާބަކަށް ދިއްލޭ ބައްތި އެކޭ ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައެވެ.

ސިވިލް ސަރވިސް ކޮމިޝަނެއް އޮތުމުގެ ބޭނުމެއް އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދު ގައި ބަޔާންކޮށްފައި މުވައްޒަފުންގެ ހައްގު ތަކާއި މުސާރަ އިގެ ކުރިއެރުން ނުލިބި އޮތުން މިއީ ކިހާ ބޮޑު ބޭއިންސާފެއް ތޯއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުން ފިނި ކޮޓަރީގައި ތިއްބަވައިގެން ކުރާހާ ވެސް ކަމަކީ މުވައްޒަފުންނަށް އުނދަގުވާހާ ގޮތްގޮތަށް ގަވާއިދުތަކާއި އުސޫލުތައް ހެދުމެވެ. ސިވިލް ސަރވިސް ޤާނޫނާއި ގަވާއިދު ކިތަންމެ ހާވެސް ރީއްޗަށް ލިޔެވިދާނެއެވެ. އެއަށް އަމަލު ނުކުރާނަމަ ކީއްކުރާ ގާނޫނަކާއި ޤަވާއިދެއްތޯއެވެ؟

އަޅުގަނޑު މެންސިވިލް ސަރވިސްގެ އެންމެ އާދައިގެ މުވައްޒަފުންގެ  ހައްގު ގައި އަނގަ ހުޅުވާލަން ކެރުނު އެއްވެސްމީހަކު މިވީހާތާގައި މި ގައުމުން ފެންނަން ނެތުން މިއީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން ނަކީވެސް ޒަވާޖީ ޙަޔާތެއްފަށައި ގެދޮރު އެޅުމާއި އަނބި ދަރިންގެ އެންމެހާ ޚަރަދުތައް އެހެންމީހުންނެކޭ އެއްފަދައިން ބަލަހައްޓަމުންދާ ބައެކެވެ. މި ލިބޭ ކުޑަ މުސާރައިން ދެކޮޅު ޖެހޭނެ ގޮތެއް ސިވިލް ސަރވިސް ކޮމިޝަނުން ބުނެދެއްވަންވީނުން ތޯއެވެ. ހަމަ ޔަގީނުންވެސް މަސައްކަތު ވަޒީފާ އުފައްދާފައި ވަނީ އެވަޒީފާ ބޭނުން ވާތީއެވެ. މިހާރު މިއީ 2008 ނޫނެވެ. މިއީ 2025 އެވެ. މިހާރު ތަކެތީގެ އަގާއި ޚިދުމަތުގެ އަގަށް އައިސްފައިވާ ބަދަލުތައް މިހިރީ ދިމާލަށް ފެންނާށެވެ. މިކަންކަން ނުފެންނަ ނަމަ ކީއްކުރާ ސިވިލް ސަރވިސް ކޮމިޝަނެއް ތޯއެވެ؟

އަޅުގަނޑު ވަޒީފާ އަދާކުރާ އޮފީހުގައި ވެސް އަޅުގަނޑުމެންފަދަ އާދައިގެ މުވައްޒަފުންނަށް ކުރީ ތަފާތެވެ. ކޮށްލީ ބާކީ އެވެ. ޓެކްނިކަލް އޮނިގަނޑެކޭ ކިޔައި ވަކި ބަޔަކަށް ބޮޑު މުސާރަ ދީ އަޅުގަނޑު މެން އެއްކައިރި ކޮށްލީއެވެ. މިކަމުގައި ވެސް ދެކޮޅު ހަދައި ޝަކުވާތައް ކުރަން ފެށުމުން އަޅުގަނޑަށް އެންގީ މުސާރަ ކުޑަ ނަމަ އެހެން ވަޒީފާ އެއް ހޯދުމަށެވެ. މިއީ އިންސާފު ތޯއެވެ؟

20 އަހަރުގެ މުއްދަތަކީ މަދު ދުވަސްކޮޅެއް ތޯއެވެ؟ ސިވިލް ސަރވިސްގެ އާދައިގެ ރޭންކުތަކުގެ މުވައްޒަފުން އަދިވެސް އުޅެން ޖެހިފައިމިވަނީ ކުރިން އުޅުނު ހާލަތަށް ވުރެވެސް ދެރަ ނިކަމެތިކޮށެވެ. މަސް ނިމިގެން ގެއަށް ގެންދަން ލިބޭ ފައިސާ ކޮޅުވީ މަދެވެ. ޚަރަދުވީ އިތުރެވެ. ޒިންމާވީ ބޮޑެވެ. ހަމައެއާއިއެކު މިދެންނެވި 20 އަހަރުގެ ތެރޭގައި އަބަދުހެން އިވެނީ ސިވިލް ސަރވިސް މުވައްޒަފުން ގެ ޖެނެރަލް އޮނިގަނޑު އިސްލާހުކޮށް ތާހިރު ދިރިއުޅުމެއް އުޅެވޭ ވަރުގެ މުސާރައެއް ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖައްސާނެ ވާހަކައެވެ. ނަމަވެސް އެބުނާ އޮނިގަނޑެއް އިސްލާހު ވީތަނެއް ނުފެނުނެވެ. މިކަންވެސް ހީވަނީ އިބިލީހުގެ ކައިވެންޏަށްވެ ނިމުނީ ހެންނެވެ. މިހެން ދަންނަވަން ޖެހޭ ސަބަބުތައް ބައިވަރު އެބަހުއްޓެވެ. ކޮމިޝަންތައް އުފެއްދި އަކަސް ބޭނުން ނުފުދޭނަމަ ކީއްކުރާ ކޮމިޝަން ތަކެއް ތޯއެވެ؟

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ޢަގަނުގޮއްވާ ބަންދުދުވަހު މަސައްކަތްކުރީމަ ބައިމުސާރަވެސް ވަކިބަޔަކަށް އަހަރުމެން ކުރިއަސް ނުދޭ އެލަވަންަސެއް