އިންތިހާބުގެ އެއްބުރު ބާއްވަން ފައްޔާޒު ދެކޮޅު

ޚަބަރު ފަހުގެ

ހަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިހާބުގެ އެއް ބުރު ބާއްވަން ސަރުކާރުން ގެންނަން އުޅޭ ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ތާއީދުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކިބައިން ދާދިފަހުން ވަނީ އެދިވަޑައިގެންފަ އެވެ. ދެވަނަ ބުރު އުވާލުމަށްފަހު ޕްރިފެރެންޝަލް ވޯޓިން ނިޒާމެއްގެ ތެރެއިން އެއް ބުރުން އިންތިހާބު ނިންމުމާ މެދު، އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް މިއަހަރު ތެރޭގައި ނަގަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމާ ގުޅިގެން ފައްޔާޒު ވިދާޅުވީ އިންތިޚާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ ކަމަށާއި ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއް ތެރޭ ވޯޓު ގުނައި ނަތީޖާ އިއުލާނު ކުރެވޭއިރު، އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާއެކު ކަމަށެވެ.

“ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، “ހަރަދު ކުޑަކުރުން” ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،” ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ. މި ދެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރަށް ފާރަވެރި ޖަވާބުދާރީވުމަށް މަޖިލީހަށް އޮތް ޒިންމާ އަދާކުރުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި ކަމަށާއި ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަޞައްވުރުތައް އެއްގޮތްކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށްވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ