އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބާއި ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން އެރަށުގައި ކުރިއަށް ގެންދާ ހޭވައްލާ މަހާސަމާގެ އަންހެން ވޮލީގެ ތަށި ސްޓްރޭންޖާރސް އުފުލާލައިފިއެވެ.
ފައިނަލް މެޗު ސްޓްރޭންޖާރސް ސީދާ 3 ސެޓުން ކާމިޔާބު ކޮށްފައިވާއިރު ދެ ޓީމުންވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ސްޓްރޭންޖާރސް ޓީމްގެ ކުޅުންތެރިންނަށް ބަލާއިރު އެޓީމްގެ ޖާޒީނަންބަރ 9 ޒަމީރާ އިސްމާއިލް ފެނިގެން ގޮސްފައިވަނީ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިއެއްގެ ގޮތުގައެވެ. ހަމަ އެޓީމްގެ ސެޓަރ ޖާޒީ ނަންބަރ 4 އިރުޝާދާ ހާލިދު ފެނިގެންދިޔައީ މޮޅު ކުޅުމެއް ދެއްކި ކުޅުނެތެރިއެއްގެ ގޮތުގައެވެ. ނުގުޑާނެ ޓީމުން ސްޓްރޭންޖާރސް ޓީމްގެ ކޮޅަށް ވައްޓާލަން ފޮނުވި އުދަގޫ އެތަށް ބޯޅައެއް ސަލާމަތްކޮށް ސެޓަރ ގެ ސާވިސް އިންވެސް ސްޓްރޭންޖާރސްއަށް ވަނީ ގިނަ ޕޮއިންޓްތަކެއް ހޯދާދީފައެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޓްރޭނޖާރސް ޓިމްގެ ޖާރޒީ ނަންބަރ 9 ޒަމީރާ އިސްމާއިލް އެވެ. ފައިނަލް ކުޅެފައި ވަނީ 23 ޑިސެމްބަރ 2020 ވީ ބުދަ ދުވަހުގައެވެ.

މީގެ އިތުރު މި މަހާސަމާގެ ފުޓްސަލް މުބާރާތުގެ ސެމީފައިނަލްގެ 2 މެޗް ރޭގައި ވަނީ ކުޅެފައެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ޓްރިޕަލް ސެވަން އާއި ވައި.ޕީ.ސްޓަރ އެވެ. 8-1 ގެ ނަތީޖާއަކުން ފައިނަލްގެ ފުރަތަމަ ޖާގަ ވައި.ޕީ.ސްޓަރއިން ވަނީ ކަށަވަރުކޮށްފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވިފައި ވަނީ ވައި.ޕީ. ސްޓަރގެ ޖާރޒީ ނަންބަރ 6 އަލީ ސާހް އެވެ.
ސެމީގެ 2 ވަނަ މެޗްގައި ރޭ ބައްދަލުކުރީ ސޯލޯ ލޯބޯ އާއި ޓެލެންޓޯއެވެ. މިމެޗް 6-1 ކާމިޔާބުކޮށް ފައިނަލްގެ 2 ވަނަ ޖާގަ ހޯދާފައިވަނީ ސޯލޯ ލޯބޯ އިންނެވެ. 2 ޓީމްގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ސޯލޯ ލޯބޯ ގެ ޖާރޒީ ނަންބަރ 2 އަހުމަދު ރިއުސާން އެވެ. މި މުބަރާތުގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ ސޯލޯ ލޯބޯ އާއި ވައި.ޕީ. ސްޓަރ އެވެ.
މި މަހާސަމާގެ ބަށި މުބާރާތް ވެސް އިއްޔެ ހަވީރު ވަނީ ފަށާފައެވެ. ބަށި މުބާރާތް ފައްޓަވާދެއްވީ ބޮޑުފޮޅުދޫގައި ފުރަތަމަ ބޭއްވި ބަށި މުބާރާތުގެ ”ބަށި ރާނީ”ގެ މަގާމް ހޯދި އައިމިނަތު އަޒްފާއެވެ.
މި މުބާރާތުގައި އިއްޔެ ބައްދަލު ކުރީ ހިޔަލަ ޓީމްއާއި އަންތަރީސް ޓީމެވެ. މިމެޗް އަންތަރީސް ޓީމަށް ކުޅެން ލިބުނު 2 އިނިގްސް ނިމުނުއިރު 8 ލަނޑު 11 ފޯލި ލިބިފައިވާއިރު މޮޅުވި ޓީމް ހިޔަލައިންވަނީ 9 ލަނޑު 1 ފޯލް ކާމިޔާބުކޮށްފައެވެ. މި މެޗްގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ހިޔަލަ ޓީމްގެ ޖާރޒީ ނަންބަރ 9 ރަޒީނާ މުހައްމަދެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުން ރައީސް އިބްރާހިމް ނަސީމް ގޮށްކޮޅަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މުބާރާތްތަކުން ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށާއި ޓީމްތަކަށް މެޑަލް އާއި ޓްރޮފީ ދިނުން އޮންނާނީ މި މަހާސަމާގެ އެންމެ ފަހު މުބާރާތް ކަމުގައިވާ ބަށި މުބާރާތުގެ ފައިނަލް މެޗަށް ފަހުގައެވެ.
“މިއަދަކީ (25 ޑިސެމްބަރ) އާރުބީޖީ ސްޕޯރޓްސް ކުލަބަށް ވަރަށް ހާއްސަ އުފާވެރި ދުވަހެއް. މި ކުލަބު ރަޖިސްޓްރީ ކުރިތާ އެއް އަހަރު ފުރިގެންދިޔަ ދުވަސް. މީ އއ.ބޮޑުފޮޅުދޫގައި ސްޕޯރޓްސް ކުލަބެއްގެ ގޮތުގައި އެއްއަހަރު އާރުބީޖީ އިން މި ހޭދަކޮށްލީ ކާމިޔާބު އަހަރެއްގެ ގޮތުގައި. ގިނަ އައު ކަންތަށްތަކެއް ރަށުގެ ގިނަ ފަރާތްތަކަކަށް މިކުލަބުން ކުރަމުން އައި ކަންކަމުން ދަސްވެއްޖެ. މިއަދު އުފާކުރަނީ މިކުލަބުން ކުރަމުން އައި އެތައް ކަމެއް އަޅުގަނޑުމެންގެ ފަރާތުން ދަސްކޮށްގެން ނަމޫނާއަކަށް ބަލައިގެން މަސައްކަތް ކުރަމުން އަންނާތީ.” އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ކުރިއަށް ގެންދަމުން ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ ކުލަބުގެ ކަންކަން އެހައި ކާމިޔާބުކޮށް ގެންދެވިފައިވަނީ މެމްބަރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށާއި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ކާމިޔާބީ އާއި ހަމައަށް އަވަހަށް ވާސިލް ވުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ކުލަބުގެ އަހަރީ އާންމު ޖަލްސާ ބާއްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.







