ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެސްއޭއެމް) އާއެކު ވެފައިވާ ގައުމީ ފެންވަރުގެ އެކްސްކްލޫސިވް ޕާޓްނާޝިޕް އިތުރު ތިން އަހަރަށް އާކޮށްފިއެވެ.
ބީއެމްއެލުން މިއަދު ބުނީ އެ އެއްބަސްވުމާއެކު ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް އެ ބޭންކުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން، ބީއެމްއެލުން ރާއްޖޭގެ ފެތުމުގެ ކުޅިވަރު އިތުރަށް ކުރިއަރުވަން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށްއޮތް ތިން އަހަރު ދުވަހު ގައުމީ ސްވިމިން ޓީމުގެ ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްގީކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ސްވިމިން އެސޯސިއޭޝަނާއެކު ޕާޓްނާޝިޕް އާކުރެވިގެން ދިއުމަކީ އެ ބޭންކަށް ލިބޭ ފަހުރެއް ކަމަށެވެ.
“ވޭތުވެދިޔަ އަހަރުތަކުގައި ފެތުމުގެ ދާއިރާއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައި. އަޅުގަނޑުމެންގެ އެތުލީޓުން އިތުރު ހަރުފަތްތަކަކަށް ގެންދިއުމަށް އެހީތެރިވުމަށް އަޅުގަނޑުމެން ދެމިތިބޭނަން،” ޝަރީފް ވިދާޅުވިއެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވިދާޅުވީ ބީއެމްއެލްއާއެކު ޕާޓްނާޝިޕް އާކުރެވުނުކަމީ އެ އެސޯސިއޭޝަނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ކަމަށެވެ.
“އަދި މި ޕާޓްނާޝިޕުގެ ސަބަބުން ދިވެހި ފެތުންތެރިންނަށާއި ފެތުމުގެ ކުޅިވަރު ދިވެހިރާއްޖޭގައި ކުރިއަރުވައި، ފެތުމުގެ ކުޅިވަރުން ދިވެހިރާއްޖެއަށް ރީތި ނަމާއި ޝަރަފު ހޯދަން ކުރަމުންދާ މަސައްކަތަށް ބޭންކް އޮފް މޯލްޑިވްސްއާއެކު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ،” އޭނާ ވިދާޅުވިއެވެ.
ބީއެމްއެލުން 2016 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އިރު، މިއީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވަން ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށް ބީއެމްއެލުން ދެކެއެވެ.