ހަނިމާދޫ އާރު.ޓީ.އެލް ފެރީ ޓާރމިނަލް ހަވާލު ކުރުމުގެ މަރުހަލާގައި އޮއްވާ އެ ތަނުގައި ހުރި ސާމާނުތައް ގެންދަން އުޅެނިކޮށް އިއްޔެ ހަނިމާދޫ ކައުންސިލުން އެކަން ހުއްޓުވައިފިއެވެ.
ހަނިމާދޫ ކައުންސިލްގެ އިސް އޮފިސަރެއް ނަން ނުޖެހުމަށް ޝަރުތުކޮށް މިނޫހަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ އިއްޔެ ފެރީ ޓާރމިނަން ހަވާލު ކުރުމަށް ސޮއިކުރުމަށް ހަމަޖެހިފައިވީ ނަމަވެސް ކައުންސިލް ރައީސް ރަސްމީ ދަތުރެއްގައި ކުޅުދުއްފުއްޓަށް ދާން ޖެހުމުން އެކަން ހަމަޖެހިފައި ނުވާކަމަށެވެ.
އެހެން އެކަން އޮއްވައި ކުއްލިޔަކަށް އެމްޑީސީސީ ޔުނީފޯމުގައި ތިބި ބަޔަކުއައިސް ފެރީ ޓާރމިނަލްގައި ހުރި ތަކެތި ބޭރުކުރަން އުޅެނިކޮށް، ބަދަރު ސެކިއުރިޓީންނަށް އެކަން ފާހަގަ ވެގެން ކައުންސިލަށް އެންގީކަމަށް އެފަރާތުން ބުނެއެވެ. ވަގުތުން ކައުންސިލުން އެކަމާއި އިންކާރު ކުރުމާއެކު އެކަން ހުއްޓުވާފައިވާނެކަމަށް އެފަރާތުން މައުލުމާތު ދީފައިވެއެވެ.
” މިފަދަ މަރުހަލާއެއްގައި ވަނިކޮށް، އެއްވެސް އިޝާަރާތެއް ނެތި މިފަދަ ކަމެއްކުރުމަކީ އެއްވެސް ޒިންމާދާރު ކަމެއްނޫން ” ކައުންސިލް އޮފިސަރު ބުނެފައިވެއެވެ.
މިކަމުގައި އެމްޓީސީސީ ގެ ބަހެއް ހޯދަން ކުރިމަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.