ބުރާސްފަތި ދުވަހު ރޭ ހަނިމާދޫ ކައުންސިލުގައި ބޭއްވުނު ގުރުއަތުލުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި ބައިވެރިވާ 5 ޓީމުގެ މެދުގައި ވަނީ ގުރު ނަގާފައެވެ. މި ޓީމުތަކަކީ ހަނިމާދޫ އެއަރޕޯޓް، އެމްއެންޑީއެފް، މޯލްޑިވިއަން، ފެނަކަ އަދި ހަނިމާދޫ ކައުންސިލެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނާސިރު އެކަޑަމީ އިންނެވެ.
މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 16:20 ގައި ހަނިމާދޫ ފުޓްސަލް ދަނޑުގައެވެ. ފުރަތަމަ މެޗު ފިޔަވައި މުބާރާތުގެ އެހެން ހުރިހާ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ.
މުބާރާތް ކުޅޭނީ ކޮންމެ ޓީމަކުން ކޮންމެ ޓީމަކާއި ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭގޮތަށެވެ. އަދި ދެވަނަ އަދި ތިންވަނަ ޓީމު ސެމީ ފައިނަލެއް ކުޅެ، އެ މެޗުން މޮޅުވާ ޓީމަށް ފައިނަލުގެ ދެވަނަ ޖާގަ ލިބޭނެއެވެ.
މުބާރާތުގެ މެޗު ތާވަލުގައި ހިމެނޭ ގޮތުން، މެއި 1 ވަނަ ދުވަހުގެ ރޭ 20:20 ގައި މޯލްޑިވިއަން އަދި އެމްއެންޑީއެފް ބައްދަލުކުރާނެއެވެ. މި މުބާރާތަކީ ހަނިމާދޫގެ އެކި މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް، ކުޅިވަރުގެ ރޫޙު އާލާކުރުމަށް ބޭއްވޭ މުބާރާތެއް ކަމަށް ހަނިމާދޫ ކައުންސިލުން މައުލޫމާތުދެއެވެ.