މި އަހަރުގެ ޙައްޖުގެ އަޅުކަމަށް ރާއްޖެއިން ދާ 1000 ޙާޖީންގެ ވިސާގެ އިންތިޒާމުތައް ފުރިހަމަވެފައިވާ ކަމަށާއި، ސަޢުދީ ޢަރަބިއްޔާގެ ހުރިހާ އިންތިޒާމުތައްވެސް މިހާރު ހަމަޖެހިފައިވާކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވި ގޮތުގައި، މިހާރު އަންނަނީ ޙައްޖާޖީންނަށް ހަފްތާއަކު ދެ ދުވަހު ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމާއި، ޙައްޖު ކިޓު ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މި ކިޓުގައި އިޙްރާމުގެ އިތުރުން އަޅުކަމަށް ބޭނުންވާ ތަކެއްޗާއި މަޢުލޫމާތު ފޮތްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ޙައްޖުވެރިން މައްކާއަށް ދިއުމަށް އެންމެ ފުރަތަމަ ފްލައިޓު މެއި 26 ގައި ފުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ކުރިން މެއި 16 ގައި އެޑްވާންސް ޓީމެއް މައްކާއަށް ފުރާނެއެވެ. މި ދަތުރުތައް ކުރިއަށްދާނީ ސަޢޫދީ އެއަރލައިންސް އަދި މޯލްޑިވިއަންގެ ޖުމްލަ ހަތަރު ފްލައިޓުންނެވެ.
އަލީ ޝަރީފް ވިދާޅުވިގޮތުގައި މިއަހަރުގެ އައު އިންތިޒާމުތަކުގެ ތެރޭގައި، ރާއްޖެއިން ގެންދާ ޑޮކްޓަރުންގެ އިތުރުން މައްކާގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންގެ އެހީތެރިކަން ވަގުތުން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން އަވަސް ފަރުވާއެއް ދިނުމަށްޓަކައި ޞިއްޙީ ފަރުވާދޭ ކްލިނިކެއްވެސް ޙައްޖާޖީން ތިބޭ ހޮޓަލުގައި ހެދިފައިވާނެކަމަށާއި މަދީނާއިން އެނބުރި ރާއްޖެ އައުމަށް މަދީނާ އެއަރޕޯޓުން ސީދާ ދަތުރުކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.


