މެލޭޝިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އެ ޤައުމަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު މެލޭޝިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ އެ މަނިކުފާނު މެލޭޝިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިދަތުރުފުޅުގައި، ރައީސް މުޢިއްޒުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުން ކަމަށެވެ.
މި ދަތުރުފުޅުގައި، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.
ކުއަލަލަމްޕޫރް އިންޓަނޭޝަނަލް އެއަރޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ އެ ޤައުމުގެ މިނިސްޓަރ އޮފް ހެލްތު (މިނިސްޓަރ އިން އެޓެންޑަންސް) ޑޮކްޓަރ ޙާޖީ ޒުލްކިފްލި އަޙްމަދު، މެލޭޝިއާގެ ޗީފް އޮފް ޕްރޮޓޮކޯލް ހިޒް އެކްސެލެންސީ ޔުބަޒްލާން ބިން ޔޫސުފް، ޗީފް އޮފް ސެރެމޮނީ އޮފް ދަ ގަވަރމަންޓް، ޕްރައިމް މިނިސްޓަރޒް ޑިޕާރޓްމަންޓް، ހިޒް އެކްސެލެންސީ ރުޒައިނަރ ބިން ރަމްލީ، މެލޭޝިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ހިޒް އެކްސެލެންސީ ބަދްލީ ހިޝާމް އަޙްމަދު، އަދި، ރާއްޖެއިން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ ޑރ. މަރްޔަމް ޝަބީނާ އަޙްމަދު އެވެ.
ރައީސުލްޖުމްހޫރިއްޔާ މެލޭޝިޔާ އެއާޕޯޓަށް ފައިބާވަޑައިގެންނެވުމުން ޝަރަފުގެ ގާޑެއްވެސް ވަނީ އަރުވާފައެވެ.


