ރާއްޖެއަށް ސިއްރުން އެތެރެ ކުރަން އުޅުނު 13 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ މި ސިނގިރޭޓުތައް އަތުލައިގެންފައިވަނީ މިމަހު 26 ވަނަ ދުވަހު، ހުޅުމާލޭ ސީ ކާގޯ ޓަރމިނަލުން ކަމަށެވެ.
އެގޮތުން މުޅިއެކު 13،600،000 ސިނގިރޭޓު ސްޓިކް ހޯދާފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަ ކޮށްފައެވެ.
ދުންފަތް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސިނގިރޭޓާއި ދުންފަތާއި ދުންފަތުގެ އިސްތިޢުމާލު ކުރަން ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީ ވަނީ ވަރަށް ބޮޑުތަނުން ބޮޑުކޮށްފައެވެ. މިއާއި ގުޅިގެން މިފަދަ ވައްކަންތައް ވަނީ އިތުރުވެފައެވެ.


