މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހދ. ހަނިމާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި 3 މީހުން ވެސް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ހަނިމާދޫގައި އިއްޔެ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫ / ލޭކޮކާ، ޢަބްދުލްޢަޒީޒް ޙަސަން (38އ) އާއި ކ. ގުރައިދޫ / ގުލްފާމުގެ، ޖައިލަމް މުހައްމަދު (21އ) އާއި ކ. ގުރައިދޫ / ނަލަވާ، ޙުސައިން ޝާވިން (23އ) އެވެ.
މި ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އެކަކުގެ އަތުން ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 18.6 ގުރާމެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމް މުހައްމަދު (21އ) އާއި ހުސައިން ޝާވިން (23އ) ފަސް ދުވަހަށް ބަންދުކުރުމަށް އަދި ޢަބްދުލްޢަޒީޒް ޙަސަން (38އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.