ޢަރަބިއްޔާ ސްކޫލުގެ މަސައްކަތް ގިނަވެގެން ދޮޅު އަހަރުދުވަހުގެ ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޢަރަބިއްޔާ ސްކޫލު އިމާރާތްކުރަން ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިޔަން ރުފިޔާ ކުޑަކޮށް އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން، އާރުސީސީއާ ހަވާލުކޮށް ސްކޫލް އިމާރާތްކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ފަށާފައެވެ.
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެ ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ފައުންޑޭޝަން މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ފައުންޑޭޝަންގެ މަސައްކަތް ނިމި އަންނަ އަހަރު ނިމެންވާއިރަށް މަސައްކަތް ނިންމާލެވޭނެކަމަށެވެ. ރައީސް ވިދާޅުވީ، އެ މަޝްރޫޢު ގިނަވެގެން ދޮޅު އަހަރުދުވަހުގެ ތެރޭގައި ނިންމާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ހުންނާނެ ކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުން ވަނީ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފަންގިފިލާއަށް ސްކޫލް އެޅުމަށް ނިންމަވާފައެވެ.
ޢަރަބިއްޔާ ސުކޫލްގެ އައު އިމާރާތް ވެގެންދާނީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑަރ ގްރައުންޑް ޕާކިންގ އަކާއެކު ތަރައްޤީކުރާ ފުރަތަމަ ސުކޫލް އިމާރާތެވެ.