ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަނީ

ޚަބަރު ފަހުގެ

ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓްގާޑަށް ދެ އުޅަނދު ހަދިޔާކުރަން ނިންމައިފިއެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޖަޕާން ސަރުކާރުގެ “އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް” ގެ ދަށުން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) ކޯސްޓްގާޑުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޖަޕާން ސަރުކާރުން ހަދިޔާ ކުރުމަށް ނިންމަވާފައިވާ “ހާބަރ ކްރާފްޓް ޕެޓްރޯލް ވެސަލް” ގެ ދެ އުޅަނދު ހަދިޔާކުރުމާގުޅޭގޮތުން “އެކްސްޗޭންޖް އޮފް ނޯޓްސް” ގައި ވަނީ ސޮއިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. އަދި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރާއްޖޭގެ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ތައްޔާރީތައް ހަރުދަނާކުރުމަށް ޖަޕާން ސަރުކާރުން ދެމުން ގެންދާ އެހީތެރިކަމުގެ މައްޗަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިލޭ އެހީގެ ގޮތުގައި 400 މިލިއަން ޖަޕާނީސް ޔެން (2.8 އެމެރިކާ ޑޮލަރު) ދިނުމަށްވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ވެރިންނާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އަދި ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ