މޯލްޑިވިއަން އިން، ހދ. ހަނިމާދޫ އިން ބެންގަލޫރަށް ކުރަން ނިންމާފައިވާ ދަތުރުތަކުގެ އަގުތައް އާންމުކޮށްފިއެވެ.
ހަނިމާދޫ އިން ބެންގަލޫރަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން ފެށިގެންނެވެ. މި ދަތުރުތަކުގެ އަގުތައް ހާމަކޮށްފައިވާއިރު، ދިވެހިންނަށް ދެކޮޅު ޓިކެޓު ފެށޭ އަގަކީ 299 ޑޮލަރެވެ. އެއީ 4،610 ދިވެހި ރުފިޔާއެވެ. އަދި ބިދޭސީންނަށް ކަނޑައަޅާފައިވާ އަގަކީ 337 ޑޮލަރު ނުވަތަ 5،196 ރުފިޔާއެވެ.
މޯލްޑިވިއަންގެ ހަނިމާދޫ – ބެންގަލޫރު ދަތުރުތައް ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު ކުރަން ނިންމާފައިވާއިރު މި ދަތުރުތަކަށް މިހާރު ޓިކެތު ބުކް ކުރެވޭނެއެވެ. ޓިކެޓް ގަނެވޭނީ މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް، މޮބައިލް އެޕްލިކޭޝަން އަދި ޓިކެޓިންގ އޮފީސްތައް މެދުވެރިކޮށެވެ.
މޯލްޑިވިއަން އިން މިހާރުވެސް އަންނަނީ ހަނިމާދޫއިން އިންޑިޔާގެ ޓްރިވެންޑްރަމަށް ދަތުރުތައް ކުރިއަށް ގެންދަމުންނެވެ. ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު ދަތުރުތައް ފަށާފައިވަނީ 2013 ގައެވެ.