ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރަހީމް ވަނީ، ބުޅާ ފެސިލިޓީއަށް ހިނގާނެ ހަރަދާއި ގުޅޭގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، އެ ފެސިލިޓީއަށް ނޮން ރިކަރެންޓް ހަރަދުގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށެވެ. އަދި ފެސިލިޓީގައި 2،000 ބުޅަލަށް މަހަކު 7 ލައްކަ ރުފިޔާ ހަރަދުވާނެކަމަށާއި، ކޮންމެ ތިން މަހަކުން 3.4 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އަހަރަކު 10.8 މިިއަން ރުފިޔާ ހަރަދުވާނެކަމަށާއި، ފެސިލިޓީގެ ޖުމްލަ ބަޖެޓުން ބުޅަލަކަށް މަހަކު 368 ރުފިޔާ ހަރަދުވާނެކަމަށް ވިދާޅުވިއެވެ. އަދި ބުޅަލަކަށް އަހަރަކު 5،416 ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި އޮޅުހިޔާ ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ދެވަނަ ދުވަހު އެވެ. އަދި އެފިސިލިޓީއަށް ބުޅާތައް ނަގަން ފެށީ ފެބުރުއަރީ މަހުގެ ފަހުކޮޅު އެވެ. ބުޅާ ފެސިލިޓީގައި މިހާރު ބަލަހައްޓަމުންދާ ބުޅާތަކުގެ އަދަދު 30 އަށް އަރާފައިވާކަމަށް މިނިސްޓްރީން މިިދޔަ މަހު މައުލޫމާތު ދީފައި ވެއެވެ.
5،000 އަކަފޫޓުގެ ބިމެއްގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީއަކީ 24 ގަޑިއިރު ހިދުމަތްދޭ ފެސިލިޓީއެކެވެ. އެ ފެސިލިޓީގެ މައިގަނޑު މަގުސަދަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގައާއި އަދި މި ނޫންވެސް އާއްމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތައް ހުށަހެޅޭ އަނިޔާތަކާއި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، އެ އެއްޗެހި ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ގާއިމްކުރުމެވެ. އެ ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރެވޭ ސަރަޙައްދަކާއި، ކްލިނިކަކާއި، ފާމަސީއާއި، ލެބޯޓްރީ އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ޞިއްޙީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
މެހި މަދިރިއަށް ވެސް ފެސިލިޓީއެއް ހެދުން މުހިންމު އަދި އޮޅު ހިޔާތައް ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފުޅާކުރަން ފެނޭ. ތިޔައީ ފުރުސަތު ބޮޑު ކަމެއް