ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާތީ ސަމާލުވާން އެދެފި

ޚަބަރު ފަހުގެ

ކަސްޓަމަރުންގެ ޕެކޭޖުތައް ޑެލިވަރީ ކުރުމަށް އެޑްރެސް ހޯދަން ކަމަށް ބުނެ ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ އެވެ.

ޕޯސްޓް އޮފީހުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އައިޓަމްގެ ޑެލިވަރީ އެޑްރެސް ހޯދުމަށް ޕޯސްޓުން އެއްވެސް ކަސްޓަމަރަކަށް މެސެޖު ނުކުރާނެ ކަމަށެވެ. ޒާތީ އަދި މާލީ މައުލޫމާތު ރައްކާތެރިކުރުމަށް، ލިންކުތަކަށް ނުފިތުމަށް ވެސް ޕޯސްޓުން އިލްތިމާސްކުރި އެވެ.

އިޝްތިހާރު
އިޝްތިހާރު

ޕޯސްޓުގެ ނަމުގައި ފޮނުވަމުންދާ މެސެޖުގައި ވަނީ އޯޑަރު ކުރި މީހާގެ ޕެކޭޖު ޑެލިވަރީ ކުރުމަށް ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެކަމަކު ނުބައި އެޑްރެހެއް ދީފައި އޮތުމުން، ޑެލިވަރީ ނުކުރެވުނު ކަމަށެވެ. އަދި މެސެޖު ލިބޭތާ ހަ ގަޑިއިރުގެ ތެރޭގައި ޑެލިވަރީ އެޑްރެސް ރަނގަޅު ކުރުމަށް އަންގައި ފޮނުވާ އެ މެސެޖުގައި ވަނީ ލިންކެއް ވެސް ހިމަނައިފަ އެވެ.

ދީފައިވާ ވަގުތުގެ ތެރޭގައި ޑެލިވަރީ އެޑްރެސް އަޕްޑޭޓް ނުކޮށްފި ނަމަ ފީއެއް ވެސް ނަގާނެ ކަމަށް އެ މެސެޖުގައިވެ އެވެ.

އެއީ ފޭކް މެސެޖެއް ކަމަށް ވާތީ، ހުރިހާ ކަސްޓަމަރުން ވެސް އެކަމަށް ސަމާލުވާން ޕޯސްޓުން އެދެ އެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މީގެ ކުރިން ވެސް ވަނީ ސަރުކާރުގެ އެކި ކުންފުނިތަކުގެ ނަމުގައި މިފަދަ ލިންކްތައް ފޮނުވައިފަ އެވެ. އެކަމަކު ފުލުހުން ވެސް ދަނީ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ