4 ރަށެއްގައި ޑައިލަސިސްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ހާއްސަ ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ޑައިލަސިސް ފެށި ހަތަރު ރަށަކީ:
* ނ. ވެލިދޫ ސިއްހީ މަރުކަޒު
* މ. މުލީ ރީޖަނަލް ހޮސްޕިޓަލް
* ތ. އަތޮޅު ހޮސްޕިޓަލް
* ގއ. އަތޮޅު ހޮސްޕިޓަލް
ރައީސް ހާއްސަ އިސްކަމެއް ދެއްވައިގެން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރެއްވުމަށް ގިނަ މަސައްކަތްފުޅުތަކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު އިސްނެންގެވުމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ޑައިލަސިސްގެ ހިދުމަތްދޭ މަރުކަޒުތައް އިތުރު ކުރުމުގެ މަސައްކަތް ވެރިކަމަށް ވަޑައިގަތުމާއެކު ފެއްޓެވިއެވެ.
މި އަހަރުގެ ފެބްރުއަރީ މަހު ހއ. އިހަވަންދޫ ސިއްހީ މަރުކަޒުގައި ވެސް ޑައިލެސިސްގެ ހިދުމަތްވަނީ ފަށާފައެވެ. އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލްގައި ޑައިލަސިސްގެ ހިދުމަތް ފަށައި، އަދި ނ. އަތޮޅު ހޮސްޕިޓަލްގައި ވަނީ ޑައިލަސިސް ޔުނިޓަށް އެނދު އިތުރުކޮށްފައެވެ.
ޑައިލަސިސްގެ ހިދުމަތް މިހާރު ނުފެށި އޮތީ ފަސް އަތޮޅެއްގައެވެ. އެއީ އއ، އދ، ވ، ފ އަދި ދ.އަތޮޅުގައެވެ. މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ޑައިލަސިސްގެ ހިދުމަތް ފެށޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް ސަރުކާރުގެ އަމާޒަކީ ޑައިލަސިސްގެ ހިދުމަތަށް ބޭނުންވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުގައި ވެސް އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.