ތިލަދުންމަތީ ސްކޫލުތަކުގެ ފެތުމުގެ 3 ވަނަ މުބާރާތުގެ ރަން ވަނަތައް ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް

ޚަބަރު ފަހުގެ

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންއިންތިޒާމުކޮށްގެން، ކުޅުދުއްފުށި ސިޓީ ކައުންސިލާ ގުޅިގެން ކުޅިވަރުގެ ވުޒާރާ އާއި ތަޢުލީމީ ވުޒާރާގެ އެހީތެރިކަމާއެކު ބޭއްވި ތިލަދުންމަތީ ސްކޫލުތަކުގެ 3 ވަނަ ފެތުމުގެ މުބާރާތުގެ ރަން ވަނަތައް ހއ. އަތޮޅު ތަޢުލީމީ މަރުކަޒު އަދި އެމަރުކަޒުގެ ދަރިވަރުން ހޯދައިފިއެވެ.

މިގޮތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ވަނީ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ބައިން 1 ވަނަ ސްކޫލުގެ ފަޚުރުވެރި މަޤާމު ހޯދާފައެވެ. މިއީ މިމުބާރާތުގައި ވިދިވިދިގެން 3 އަހަރު މި 2 މަޤާމުގެ ޝަރަފު ހޯދައި ވަނަ ދިފާޢު ކުރި ހަމައެކަނި ސްކޫލުވެސް މެއެވެ. މީގެއިތުރުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ޖޫނިއަރ ގުރޫޕް އޭ ކެޓަގަރީން ފިރިހެން އަދި އަންހެން 1 ވަނަ ސްކޫލުގެ މަޤާމު ހޯދުމުގެ އިތުރުން ޖޫނިއަރ ގުރޫޕުގެ ބީ ގެ ކެޓަގަރީން ފިރިހެން 1 ވަނަ ސްކޫލާއި ސީނިއަރ ގުރޫޕުގެ އޭ ކެޓަގަރީން ފިރިހެން 1 ވަނަ ސްކޫލު މަޤާމު ހޯދާފައެވެ. މިއާއެކު އެސްކޫލުގެ ދަރިވަރުންވެސް ވަނީ މުބާރާތުގެ އެކި ކެޓަގަރީތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ފެތުންތެރިންގެ މަޤާމު ހޯދާފައެވެ.

އިޝްތިހާރު
އިޝްތިހާރު

14 އަހަރުން ދަށާ، 16 އަހަރުން ދަށާ، 18 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ ޢުމުރުފުރާތަކުގެ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ތިލަދުންމަތީ އުތުރު ބުރިއާއި، ތިލަދުންމަތީ ދެކުނުބުރި އާއި މިލަދުންމަޑުލު އުތުރުބުރީގެ ސްކޫލުތަކަށް އަމާޒުކޮށްގެން މިމުބާރާތް ބާއްވައިފައިވަނީ މެއިމަހުގެ 24 ން 28 ށް ކުޅުދުއްފުށި ސިޓީގައެވެ.

އެކުޖުމުލަ 16 ސްކޫލަކުން 308 ދަރިވަރުން ވާދަކޮށް، 1280 އިވެންޓު ފުރިހަމަކުރި މިމުބާރާތުގެ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ތަށި ދިނުމާ ސްކޫލުތަކަށް ތަށި ދިނުމަށް ކުޅުދުއްފުށި ސިޓީ ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. މިރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަން އަދި މޯލްޑީވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު އާއި، ކުޅުދުއްފުށީ މޭޔަރާއި، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއް އުތުރު އަދި ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރުންނާ ކުޅުދުއްފުށި ސިޓީގެ ކައުންސިލަރުންގެ އިތުރުން މުއައްސަސާތަކުގެ ވެރިންނާ ސްކޫލުތަކުގެ ވެރިންނާ މުބާރާތުގައި ވާދަކުރި ސްކޫލުތަކުގެ ދަރިވަރުންނާ އެދަރިވަރުންގެ ބެލެނިވެރިންގެ އިތުރުން ކޯޗުންނާ އޮފިޝަލުންނާ ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުން ބައިވެރިވިއެވެ.

ތިލަދުންމަތީ ސްކޫލުތަކުގެ 3 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ އޭ ކެޓަގަރީގެ ފިރިހެން 1 ވަނަ ފެތުންތެރިޔާގެ މަޤާމު ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އަޙްމަދު އަލްޔާން ބިން ޢަބްދުﷲ އެވެ. މިކެޓަގަރީގެ އަންހެން 1 ވަނަ ހޯދި ފެތުންތެރިޔަކީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ފާޠިމަތު ސުމޫހާ މުނައްވަރެވެ. ޖޫނިއަރ ބީ ކެޓަގަރީން ފިރިހެން 1 ވަނަ ހޯދީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު މިހުދާދު ޢަބްދުލް މައްނާނު އެވެ. މިގުރޫޕުގެ އަންހެން 1 ވަނަ ފެތުންތެރިއަކީ ށ. އަތޮޅު މަދަރުސާގެ ދަރިވަރު މަރިޔަމް މީރާ އަޒުމީރުއެވެ. މުބާރާތުގެ ސީނިއަރ ގެޓަގަރީގައި ވާދަކުރި ފެތުންތެރިންގެ ތެރެއިން ފިރިހެން 1 ވަނަ ފެތުންތެރިއަކަށް ހޮވުނީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޢަލީ ސާއީ ސަޢުދުﷲ އެވެ.

މުބާރާތުގެ ޖޫނިއަރ 2 ވަނަ ސްކޫލަކަށް ހޮވުނީ ޢަފީފުއްދީން ސްކޫލެވެ. 3 ވަނައަށް ދިޔައީ ނައިވައިދޫ ސްކޫލު އަދި ށ. އަތޮޅު މަދަރުސާއެވެ. މުބާރާތުގެ ސީނިއަރ 2 ވަނަ ސްކޫލަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލެވެ. 3 ވަނަ އަށް ހޮވުނީ ހަނިމާދޫ ސްކޫލެވެ.

ސްކޫލުތަކުގެ ވަކި ވަކި ކެޓަގަރީތަކުގެ ވަނަތަކަށް ބަލާއިރު ޖޫނިއަރ ގުރޫޕުގެ އޭ ކެޓަގަރީން ފިރިހެން 2 ވަނަ ސްކޫލުގެ މަގާމު ހޯދީ ނައިވައިދޫ ސްކޫލެވެ. 3 ވަނަ މަގާމު ހޯދީ ޅައިމަގު ސްކޫލެވެ. ޖޫނިއަރ އޭ ބައިގެ އަންހެން ކެޓަގަރީން 2 ވަނަ ހޯދީ ޢަފީފުއްދީން ސްކޫލެވެ. 3 ވަނަ ހޯދީ މަކުނުދޫ ސްކޫލެވެ. ޖޫނިއަރ ބީ ކެޓަގަރީން ފިރިހެން 2 ވަނަ ހޯދީ ނައިވައިދޫ ސްކޫލެވެ. 3 ވަނަ ހޯދީ ހަނިމާދޫ ސްކޫލެވެ. ޖޫނިއަރ ބީ ކެޓަގަރީން އަންހެން 2 ވަނަ ހޯދީ ޢަފީފުއްދީން ސްކޫލެވެ. 3 ވަނަ ހޯދީ ށ. ފުނަދޫ ސްކޫލެވެ. ސީނިއަރ ކެޓަގަރީ ފިރިހެން 2 ވަނަ ހޯދީ ޖަލާލުއްދީން ސްކޫލެވެ. 3 ވަނަ ހޯދީ ހަނިމާދޫ ސްކޫލެވެ.

ކުރިޔަށް އޮންނަ އަހަރު މިމުބާރާތުގައި އޯޕަން ވޯޓާ ސްވިމިންގ އިތުރުކޮށް މުބާރާތުގައި ބައިވެރިވާ ސްކޫލުތަކުގެ ވަނަތައް ހޮވާއިރު އަތޮޅުތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ސްކޫލު ހޮވާނެކަން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ސްވިމިންގ އެސޯސިއޭޝަނުން ވަނީ އިއުލާނު ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ