މާލެ އާއި ހުޅުމާލެ އަދި ހުޅުލޭން ކަރަންޓު ކެނޑިފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ އިދާރާތަކުން ބެލުމަށް އަންގަވާފައިވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސްޓެލްކޯ އިން ބުނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށާއި ދިމާވި މައްސަލަ ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން ސްޓެލްކޯއިން ބުނީ، ގްރޭޓާ މާލެ ގުރިޑް އަލުން އެނަރޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް މިހާރު ދަނީ ފުރިހަމަ ކުރެވެމުން ކަމަށެވެ. މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި، ހުޅުމާލޭގެ ޖަނަރޭޓަރުސެޓްތައް އެނަރޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.