މުޅި މާލެއިންނާއި ހުޅުމާލެ އިން އެއްކޮށް މިއަދު މެންދުރު 12:40 ހާއިރުން ފެށިގެން ފަސް ގަޑިއެއްހާއިރު ވަންދެން ކުއްލި ގޮތަކަށް ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ހާއްސަ މަސައްކަތްތަކެއް ފުލުހުން ފަށައިފި އެވެ.
މިއަދުގެ އިރުއޮއްސި 6:30 ވާން އުޅެނިކޮށް މާލެ އާއި ހުޅުމާލޭގެ ހުރިހާ ހިސާބަކަށް އަލުން ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯ އިން ފެށި ފަހުން ފުލުހުން “އެކްސް” ގައި ބުނީ، ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށް، އާންމު ހާލަތަށް ރުޖޫއަ ވެވެންދެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ “ހާއްސަ މަސައްކަތްތައް” ކުރިއަށް ގެންދާނެ ކަމަށެވެ.
މާލެ އާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވައިދޭ ގްރިޑުގެ ކަނެކްޝަނަށް ދިމާވި މައްސަލައަކާ ގުޅިގެން ކަރަންޓު ކެނޑުމާ އެކު ފުލުހުން ވަނީ އެކަން ހިނގި ގޮތް ބެލުމުގެ ތަހުގީގެއް ފަށާފައިވާކަން ވެސް އިއުލާންކޮށްފަ އެވެ.