ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގެ ފާހާނާއެއްގެ ތެރޭގައި ސިފައިންގެ މީހަކު ދަންޖެހިގެން މިރޭ މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި ދަންޖެހިފައި ހުއްޓާ ފެނުނީ ލ. މާމެންދު އަށް އުފަން އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ އެމްއެންޑީއެފްގެ ސާޖެންޓެއްގެ ރޭންކުގައި ހުރި މީހެކެވެ.
ފާހާނާ ތެރޭގައި އެ ސިފައިންގެ މީހާ ދަންޖެހިފައި ހުއްޓާ ފެނިގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ވެ އެވެ.
ފުލުހުން މީޑިއާއަށް ބުނީ، ބަންޑާރަ ކޮށީގައި މިރޭ މީހަކު ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާތީ އެ ކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް އަދި ނުދެ އެވެ.
އެމްއެންޑީއެފުން ވަކި ޖަވާބެއް ނުދީ ބުނީ، އެއީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވާތީ މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރާނީ ފުލުހުން ކަމަށެވެ.