ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހާއި ޢީދު

ފަހުގެ ދީން

ﷲ ތަޢާލާ ވަނީ ބައެއް މަސްތަކުގެ މައްޗަށް އަނެއްބައި މަސްތައް މާތްކުރައްވަވާފައެވެ. މިދުވަސްވަރު އަޅުގަނޑުމެން ކުރިމަތިލައި މިތިބީ ޙައްޖު މަހުގެ ފުރަތަމަ ދިހައަކާއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ފުޅުތަކުންނާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުން އަޅުގަނޑުމެންނަށް ސާފުވެ އެނގެނީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރެއްގެ ތެރޭގައި އަންނާނެ އެންމެ މާތް ދުވަސްތައް ކަމެވެ. މި ދުވަސްތަކަކީ ދަރުމައާއި ޘަވާބުން ފުރިގެންވާ މަތިވެރި ދުވަސްތަކެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅުގެ މާނާގައިވެއެވެ. “ހެޔޮ ޢަމަލު ކުރުމަށް، މި ދިހަ ދުވަހަށް ވުރެ (އެބަހީ: ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ) ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ.” އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. “އޭﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ބޮޑަށް ހެއްޔެވެ؟” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނުއަންނަ މީހާ ފިޔަވައެވެ.” [رواه الترمذي في سننه برقم: (757) وصححه الألباني في الإرواء برقم: (953)]

ﷲ ތަޢާލާވަނީ މި ދުވަސްތައް މަތިވެރި ކުރައްވާފައިކަން މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގެއެވެ. އެއީ ރަމަޟާންމަހުގެ ފަހުދިހައިގެ ދުވަސްތަކަށްވުރެ ވެސް މަތިވެރިވެގެންވާ މަތިވެރިވުމެކެވެ. މިދުވަސްތަކުގައި ހީވާގިވެ ހެޔޮ ޢަމަލުތަކުގައި މަސްޣޫލުވުމަކީ ބުއްދީގެ އަހުލުވެރިންގެ ގޮތެވެ. ހެޔޮ ޢަމަލުތައް އިތުރުކޮށް ނުބައި ޢަމަލުތައް ކުރުން ދޫކޮށްލައިގެން މި މަހުގެ މާތްކަން ލިބިގަންނާށެވެ. މި މާތް ދުވަސްތަކުގައި ކުރާ ގޯސް ޢަމަލުތަކަށް ލިބޭ ނުބައިކަން ވެސް ބޮޑުވާނޭކަން ދަންނަންވާނެއެވެ. މި ދުވަސްތަކުގެ ތެރެއިން ޢަރަފާތް ދުވަހަކީ މާތްކަން އިތުރު ދުވަހެކެވެ. އެ ދުވަހު ރޯދަހިފުމަކީ ވަރަށް ވެސް މަތިވެރި އަޅުކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

(صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ، وَالسَّنَةَ الَّتِي بَعْدَهُ) [رواه مسلم (1162) ]
މާނައީ: “ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން، އިސްވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވާ ދެއްވާނެކަމަށް، ﷲ ތަޢާލާގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ.”

މި މަތިވެރިވެގެންވާ ދުވަސްތަކުގައި ކުރެވޭނެ މަތިވެރި ޢަމަލުތަކުގެ ތެރޭގައި: ތަހުލީލު ކިޔުމާއި، (لا إله إلا الله)، ތަސްބީޙަ ކިޔުމާއި (سبحان الله)، ތަޙްމީދު ކިޔުމާއި، (الحمد لله)، ތަކްބީރު ކިޔުން (الله أكبر) ކިޔުން ގިނަކުރުން ވެއެވެ.

މި މާތް ދުވަސްތަކުގެ ތެރޭގައި ދެން އަންނަ އަނެއް ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. ރޯދައިގެ އަޅުކަމާއި، ޙައްޖުގެ މަތިވެރި އަޅުކަމާއި ވިދިގެން ﷲ ތަޢާލާ ވަނީ އުފާކުރުމަށްޓަކައި ދެ ޢީދު ދުވަސް ލައްވަވައިފައެވެ. ޢީދު ފާހަގަކުރުމުގައި އުޅޭއިރު އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވީ އެއް ކަމަކީ މި ދުވަސްތަކުގައި އަޅުގަނޑުމެން ﷲ ތަޢާލާ ރުއްސަވާގޮތަށް ޢަމަލުތައް ބައްޓަންކުރުމެވެ. ޢީދުގެ ދުވަސްތަކުގައި މުންކަރާތްތަކަށް އަރައިގަނެގެން ނުވާނެއެވެ. އަދި ހަމަ އެހެންމެ ﷲ ރުއްސަވާ ގޮތަށް ޢީދުތައް ފާހަގަކުރަން ލޯބިކުރަންވާނެއެވެ. އިސްލާމީ ޝަރީޢަތުގެ ތެރޭގައި ޢީދު ލައްވާފައިވާއިރު، ޢީދުގެ އުފާފާޅުކުރުމުގައި ﷲގެ ޢަމުރުފުޅުތަކާއި ޚިލާފު ނުވާ ގޮތަށް، އިސްލާމީ ޙުދޫދުގެ ތެރޭގައި އެ ކަން ކުރުމަށާއި، އަޅުގަނޑުމެންގެ ޢަމަލުތައް އެ ގޮތުގައި ބައްޓަންކުރުމަށް ސަމާލުވާންވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ