ފުލުހުން ބުނެފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާތީ ކާކީގެ/ސ.ހިތަދޫ، މުޙައްމަދު އަމްޖަދު (43އ) ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މުޙައްމަދު އަމްޖަދުު ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ޖޫން 18 ވަނަ ދުވަހުގެ 11:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.
މުޙައްމަދު އަމްޖަދުު އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ސިވިލް ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި މުހައްމަދު އަމްޖަދު އަކީ ބޭންކް އޮފް މޯލްޑިވްސް އިން އޭނާ ނެގި -/40000 ރުފިޔާގެ ލުއި އެކްސްޕްރެސް ލޯނެއް ނުދައްކައިގެން ބޭންކުން ދައުވާ އުފުލާފައިވާ މީހެކެވެ.
އެމައްސަލައިގައި އިންޓަރެސްޓާއި، ބޭންކުން ކުރަން ޖެހުނު އެހެނިހެން ހަރަދުތަކާއިއެކު ޖުމްލަ -/47498 ރުފިޔާ ދައްކަން އޭނާގެ މައްޗަށް 2015 ވަނަ އަހަރު ހުކުމް ކޮށްފައި ވެއެވެ.
މިހާރު ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ އެހުކުމް ތަންފީޒު ކުރުމުގެ މައްސަލައެކެވެ.