މި ދައުރުގެ ތެރޭ އައު ވަޒީފާތައް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ނައިބު ރައީސް އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ނައިބުރައީސްގެ ވާހަކަފުޅުގައި ވަނީ، ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ގައުމުގައި 5 އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަކުރައްވާފައެވެ. އަދި، އެއަމާޒަށް ވާސިލްވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށްވެސް ނައިބުރައީސް ވިދާޅުވިއެވެ.
މިއަމާޒަށް ވާސިލްވުމުގެ ގޮތުން ފަށާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ސިއްހީ ދާއިރާއާއި، ތައުލީމީ ދާއިރާ ފަދަ ދިވެހީންގެ ހިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ހާއްސަ އިނާޔަތްތައް ތައާރަފްކުރެއްވުމުގެ މަސައްކަތް ފެއްޓެވުމާއި، ގައުމީ ހިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ހާއްސަ އިގްތިސާދީ މަޝްރޫއުތައް ފެށިފައިވާކަން ނައިބުރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އިގްތިސާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ ދިވެހިންގެ ޒިންމާއެއް ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގައި އެންމެންވެސް ޝާމިލްވުމަށް ނައިބުރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ސަރުކާރުން ފަހިކޮށްދޭ އާމުދަނީ ހޯދުމާއި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސަރވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހިރާސްތަކާއި އެކި ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން، ކުރު އަދި ދިގު ރާސްތާގެ ސްޓްރެޓެޖީތައް އެކުލަވާލެވި، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާސިލްވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.