ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ ވިނަރެސްގެ ނުވަވަނަ ޓަވަރުގެ 13 ވަނަ ފަންގިފިލާގެ އެޕާޓްމެންޓެއްގައި ކަމަށެވެ. އެ އެޕާޓްމަންޓުން ދުން އަރާކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 އެހާކަށްހާ އިރު ކަމަށާއި، މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔަ ސްޓޭޝަން އިން ހަރަކާތްތެރިވެ، ގިނަ އިރުތަކެއް ނުވަނީސް ރޯވި އަލިފާން ނިއްވާފައިވާ ކަމަށް އެމްްއެންޑީއެފުން ބުންޏެވެ.
އަލިފާން ރޯވެފައި ވަނީ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ އެނދުގައި އަޅާފައި އޮތް ގޮދަޑިއެއްގަ އެވެ. މި ހާދިސާގައި މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
ނަމަވެސް ރޯވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަން އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އެ ހާދިސާގެ ސަބަބުން އެޕާޓްމަންޓަށް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ކަމަށެވެ. އެހެންވެ އެ އެޕާޓްމަންޓްގައި ދިރިއުޅޭ ހަތަރު މީހަކަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުމުގެ އިތުރަށް ދެ މީހަކަށް އަންނައުނު ފޯރުކޮށް ދީފައިވާ ކަމަށެވެ.