ހދ. ހަނިމާދޫ ކައުންސިލާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ކޮލެޖާއި ދެމެދު، އިޔާދަކުރަނިވި ހަކަތައާއި ގުޅުންހުރި ކޯސްތަކެއް ހަނިމާދޫގައި ކުރިއަށް ގެންދިއުމަށް މިއަދު އެއްބަސްވެ، ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މިކޯސްތައް އަމާޒުކޮށްފައިވަނީ ހދ. އަތޮޅާއި ހއ. އަތޮޅުގެ ރައްޔިތުންނަށެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ހަނިމާދޫ ކައުންސިލުން މިހާރު މާލެއަށް ކުރަމުންދާ ދަތުރެއްގެ ތެރެއިންނެވެ.
ހަނިމާދޫ ކައުންސިލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ. އެމް.އައި.ޓީގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖުގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ހަލީމްއެވެ.
މިފަދަ ކޯސްތައް ހިންގުމުގެ މަގުފަހިވުމަކީ ދެ އަތޮޅުގެ ރައްޔިތުންނަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އުނގެނުމުގެ ރަނގަޅު ފުރުސަތެއް ކަމަށް ބެލެވެއެވެ.
މިދަތުރުގެ ތެރެއިން ހަނިމާދޫ ކައުންސިލުން ވަނީ މިނިސްޓަރ އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ހަނިމާދޫގެ ތަރައްޤީއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.