ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން 500 ޑޮލަރު ދީ ލިމިޓް ދެ ގުނަ ކޮށްފި

ޚަބަރު ފަހުގެ

ގައުމީ ބޭންކް، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް ކާޑުތަކުން ކުރާ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓް 500 ޑޮލަރަށް ދެގުނަކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކުން ދުކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާއިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކޮށްފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެ” ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން ބުނީ ރާއްޖޭން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ވެސް ރާއްޖޭން ބޭރަށް ގެންގޮސްގެން އޭޓީއެމްތަކުން ފައިސާ ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައި ކަމަށެވެ. މުދަލާއި ޚިދުމަތުން ފައިސާ ދެއްކޭ އަދަދު އިތުރުކޮށްދިނުމާއެކު އޭޓީއެމްއިން ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ބޭންކުން ބުނެއެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރު ކަމަށް ވެސް ބޭންކުން ބުނެއެވެ.

ޑެބިޓް ކާޑުތަކުން ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުކުރެވޭ އެއްކަމަކީ އިންޓަނެޓް މެދުވެރިކޮށް އެކިއެކި ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުން ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިގޮތަށް ފާހަގަކުރެވޭ ބައެއް ސައިޓްތައް ކަމަށްވާ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއަށް ފައިސާދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނަގަން ނިންމާފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ. އޭގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުމާއި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތަކަށް ފައިސާގެ މުއާމަލާތްކުރާ ސައިޓްތައް ނުހިމެނޭނެ ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ޑޮލަރު އެކައުންޓްތަކަށް ދޫކުރެވިފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތައް ނުހިމެނެއެވެ.

ހަމައެހެންމެ ރާއްޖޭން ބޭރުން މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުކުރުމަކާ ނުލައި ކަމަށް ބޭންކުން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ