ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު މިހާރު އަންނަވަނީ ސިންގަޕޫރަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، އެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދީފައިވާއިރު، މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ”ވީ.އައި.ޕީ އޯކިޑްސް“ ކަލެކްޝަންގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ.
ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ރައީސް އޮފީހުން މައުލުމާތުދެ އެވެ. ސިންގަޕޫރު ބޮޓެނިކް ގާޑަންސްއަށް ކުރެއްވި މި ޒިޔާރަތުގައި، ރައީސްގެ ދެކަނބަލުން ވަނީ ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފަ އެވެ.
ރައީސް އޮފީހުން ބުނެފައިވަނީ، ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ޤައުމުތަކުގެ އިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގައި ހިނގަމުން އަންނަ ޘަޤާފަތެއް ކަމަށެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.