ސިންގަޕޫރަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މޯލްޑިވްސް ބިންޒަސް ފޯރަމްގެ ތެރެއިން އެ މަޝްރޫއުގެ އިންވެސްޓްމަންޓް އެގްރިމެންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ.
އެ މަޝްރޫއުއަކީ 2028 ވަނަ އަހަރު ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް ރައީސް ކުރިން އިއުލާން ކުރައްވާފައިވާ މަޝްރޫއުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެއީ 187 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
އެ މަޝްރޫއުގެ ދަށުން 100 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދި، ތެލަށް ކުރާ ހަރަދުން 42 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. އަދި އެ މަޝްރޫއު ނިންމާލަން އަމާޒު ކަނޑައަޅާފައިވަނީ 2027 ވަނަ އަހަރަށެވެ.
މީގެ އިތުރުން ރެސިޑެންސް އެންޑް ސިޓިޒެންޝިޕް އިންވެސްމަންޓް ކުންފުންޏެއް ކަމަށްވާ ހެންލޭ އެންޑް ޕާޓްނާސްއާ އެކު ވެސް އިންވެސްމަންޓް ސާވިސް އެގްރިމެންޓެއްގައި ދިވެހި ސަރުކާރުން މިއަދު އެ ފޯރަމްގެ ތެރެއިން ސޮއިކޮށްފަވެއެވެ.