ހަނިމާދޫއަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް ޚާއްސަކޮށްގެން، ނައިކޯ ޓްރެވަލްސް އިން “ނައިކޯ ޓްރެވަލްސް ގައިޑް ޓު ހަނިމާދޫ 2025” ނަމުގައި ޓްރެވަލް ގައިޑެއް ނެރެފިއެވެ. މި ގައިޑަކީ ހަނިމާދޫގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި ނެރުނު މިފަދަ ފުރަތަމަ ފޮތެވެ.
ނައިކޯ ޓްރެވަލްސް އުފެދިފައިވަނީ 2024 ވަނަ އަހަރުއެވެ. މި ކުންފުނީގެ މައްސޫލުވެރިންނަކީ ހުސެން ޝަފީއު އަލީ، އިބްރާހިމް ޝިފާން، އަދި އަހްމަދު އަފްރާހް އެވެ.
މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ހަނިމާދޫ އާއި ތިލަދުންމަތީގެ ޓޫރިޒަމް އިޝްތިހާރުކޮށް، މި ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމެވެ.
“ނައިކޯ ޓްރެވަލްސް ގައިޑް ޓު ހަނިމާދޫ 2025” މި ފޮތުގައި ހަނިމާދޫއާއި ބެހޭ މުހިންމު މައުލޫމާތުތަކެއް ވަރަށް ފުރިހަމައަށް ހިމެނިފައިވެއެވެ.
މިގޮތުން، ގެސްޓް ހައުސްތަކާއި، ރެސްޓޯރެންޓްތަކުގެ މަޢުލޫމާތާއި، ޓޫރިސްޓުންނަށް ޚާއްސަކޮށްގެން ހަނިމާދޫގައި ހިންގާ ހަރަކާތްތަކާއި، ޚާއްސަ ތަންތަނާއި އަދިވެސް މިފަދަ ބޭނުންތެރި އެހެނިހެން މައުލޫމާތުތައް މި ގައިޑުން ލިބިގެންދާނެއެވެ.
މި ފޮތް ނެރުމުގެ ރަސްމިއްޔާތު އޮތީ ހަނިމާދޫގައި ހުންނަ ވިލުވެލި ހޮލިޑޭ ރިޓްރީޓްގައެވެ. މި ހަފުލާގައި ފޮތް ނެރުއްވައިދެއްވީ ހަނިމާދޫ މޯލްޑިވިއަން ސްޓޭޝަންގެ މެނޭޖަރ މައުމޫން ރަޝީދެވެ.
ނައިކޯ ޓްރެވަލްސްގެ ކޯ-ފައުންޑަރ، ހުސެން ޝަފީއު އަލީ ވިދާޅުވީ، ހަނިމާދޫއަށް ޚާއްސަ ޓްރެވަލް ގައިޑެއް ނެރުން މިއީ ހަމައެކަނި ފެށުން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މުޅި ތިލަދުންމައްޗަށް ޚާއްސަކޮށްގެންވެސް މިފަދަ ޓްރެވަލް ގައިޑެއް ނެރުމުގެ ވިސްނުން އެބަހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ޓްރެވަލް ގައިޑް ނައިކޯ ޓްރެވަލްސްގެ ވެބްސައިޓް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.


