މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އދ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ ފުއްޓަރު ފަރާތު ބޭރަށް ފީނަން ދިޔަ ފަތުރުވެރިޔަކު ނިޔާވެފައިވާ މައްސަލައެއް މި މަހުގެ 6 ވަނަ ދުވަހުގެ 12:28 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ އެމެރިކާ އަށް ނިސްބަތްވާ 47 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މޫދުގައި ހިނގި އެކި ހާދިސާތަކުގައި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި 112 ޓޫރިސްޓަކު މަރުވެފައިވާކަން ރައްޔިތުންގެ މަޖިލީހުގައި ފުލުހުން އާއްމުކުރި ތަފާސްހިސާބުތަކުން މިދިޔަ ހަފުތާގައި ވަނީ ހާމަވެފަ އެވެ.
ފުލުހުން ބުނި ގޮތުގައި، މިދިޔަ އަހަރު އެކަނި ވެސް ގެނބިގެން 20 އަށް ވުރެ ގިނަ ޓޫރިސްޓުން މަރުވި އެވެ.
މިދިޔަ ފަސް އަހަރު ގެނބިގެން މަރުވި ޓޫރިސްޓުންގެ އަދަދު 68 އަށް އަރަ އެވެ. ޑައިވިނާއި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް 42 ޓޫރިސްޓަކު މަރުވި އެވެ. އަދި ސްނޯކްލިން އާއި ޑައިވިންގައި އުޅެނިކޮށް، އުޅަނދެއްގައި ޖެހިގެން އެކަކު މަރުވެ، ނުވަ މީހަކަށް ވަނީ އަނިޔާވެފަ އެވެ.


