ފޮޓޯ:މިހާރުއއ. މާޅޮހުގައި ނިދާފައި އޮއްވާ ރަހުމުކުޑަގޮތަކަށް މަރާލި އަބްދުއްރަހްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފި އެވެ.
އަބްދުއްރަހްމާނަށް ހަމަލާދީފައިވަނީ އޭނާ ނިދާފައި އޮއްވައެވެ. ބެލެވޭ ގޮތުގައި މަރުތޭލެއް ޒާތުގެ އެއްޗަކުން ބޮލުގެ ފުއްކިބަޔަށް ޖަހައި، އަނިޔާކޮށްފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށް އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ތަހުގީގުން ނިންމާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހާއްސަ ޓީމެއް އަންނަނީ މާޅޮހުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ، ފައިބާ މީހުންވެސް މޮނީޓަރކުރަމުން އަންނަ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.
އަބްދުއްރަހްމާން މަރުވެފައިވަނީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މެންދަމުގެ 2:30 ހާއިރުއެވެ.



