ގ. ގާރނެޓް ހަސަން ޔާމީން (30އ.) ގެއްލުނުތާ މިއަދަށް ހަފުތާއެއް ވެފައިވާއިރު، އޭނާ ރާއްޖެއިން ބޭރަށް ގޮސްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ޔާމީން ގެއްލުނީ މި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުންނެވެ. އޭގެފަހުން އާއިލާއަށް އެއްވެސް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ޖުލައި 14 ވަނަ ދުވަހު އާއިލާގެ ފަރާތުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ.
ފުލުހުން ބުނީ، މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލަ އެހެން ބަހާތަކާއި މުވައްސަސާތަކާ ހިއްސާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅަމުން ގެންގޮސްފައެވެ. އަދި ތަހުގީގުން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާ ގުޅުން ހުރި އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޔާމީން ހޯދުމަށް ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަން ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.


