މާފަރު ސިއްހީ މަރުކަޒުގެ އެނދުގެ އަދަދު 15 އަށް އިތުރުކޮށް އަލުން ސޮއިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
މާފަރު ސިއްހީ މަރުކަޒު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ރޭ ވަނީ ސޮއިކޮށްފައެވެ. އެ މަޝްރޫއު ހެލްތު މިނިސްޓްރީން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.
ރައީސް ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މާފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި އެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމާ ގުޅޭ އިތުރު ކަންތައްތައް ރަނގަޅު ކުރަން ހުރިކަން އެ މަނިކުފާނަށް މިއަދު މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
“އަޅުގަނޑު ދަންނަވާފައިވާނެ މިއަދު މި ހަފުތާ ނިމުމުގެ ކުރީގައި ރައްޔިތުން ބޭނުންވާ ސްކޯޕްގައި އެ ބޭނުންވާ ގޮތަށް ބަދަލުކޮށް، މަދުވެގެން އަދި އިތުރު 15 އެނދު ހިމެނޭ ގޮތަށް ބަދަލުކޮށް ރަނގަޅު ފެންވަރުގެ ސިއްހީ މަރުކަޒެއްގެ ގޮތުގައި އަލުން އެގްރީމެންޓްގައި ސޮއި ކުރުމުގެ މަސައްކަތް ފަށަން،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު އޮތް ގޮތަށް އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ މައުލޫމާތުގެ ކުށެއްގެ ސަބަބުން ކަމަށާއި ބުރާސްފަތި ދުވަހުގެ ކުރިން އެކަން ރަނގަޅު ކުރައްވާނެ ކަމަށެވެ. އަދި އެކަން ކަމާބެހޭ ވަޒީރުންނަށް އަންގަވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


