އއ. މާޅޮހުގައި އަނިޔާވެރިގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާ މިއަދު ވަޅުލައިފިއެވެ.
މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާރާލި އަބްދުއްރަހްމާންގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އޭނާގެ ޕޯސްޓްމޯޓަމް ހެދީ އިންޑިއާގެ ޓްރިވެންޑްރަމުންނެވެ.
މިއަދުގެ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ވަނީ އަބްދުއްރަހްމާންގެ މައްޗަށް ކަށުނަމާދުކޮށްފައެވެ. އޭނާގެ ޖަނާޒާއަށް މާޅޮހުން ވެސް އާއިލާގެ މީހުން އައިސްފައިވެއެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި އަބްދުއްރަހްމާންގެ ފިރިހެން ދަރިފުޅު ވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަނާޒާއަށް ގެންދިޔައެވެ.
އަބްދުއްރަހްމާން މަރާލި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޚާއްސަ ޓީމެއް އެރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާތަނަށް ގާތިލު ހޯދިފައެއްނުވެއެވެ.


