ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ޓިކެޓް ގަތުމުގެ ނިޒާމަށް މުހިންމު ބަދަލެއް ގެނައުމަށް ނިންމައިފިއެވެ.
މި ބަދަލާ އެކު، އަންނަ އޮގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޓިކެޓް ގަތުމުގައި އައިޑީ ކާޑު ނުވަތަ ޕާސްޕޯޓް ކޮޕީ އަޕްލޯޑް ކުރުމާއި ހުށަހެޅުން ލާޒިމެއް ނުވާނެކަމަށް އެ ކުންފުނިން ވަނީ އިޢުލާން ކޮށްފައެވެ.
މޯލްޑިވިއަން އިން ބުނިގޮތުގައި މިއީ ދަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފަސޭހަކޮށް، އަދި ކަސްޓަމަރުންގެ ޕްރައިވަސީ އާއި ހަލުވިކަން އިތުރުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ނަމަވެސް ދަތުރުކުރާ ލިޔެކިޔުންތަކާ އެއްގޮތަށް ދަތުރުވެރިޔާގެ މަޢުލޫމާތު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.
މި ބަދަލާ އެކު، ޓިކެޓްގައި ދަތުރުވެރިޔާގެ ނަމުގައި ތަފާތެއް ހުރިނަމަ، އެކަން ރަނގަޅު ކުރުމަށް މޯލްޑިވިއަން ޓިކެޓިންގ އޮފީހާ ގުޅައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އަދި 24/7 ކޯލް ސެންޓަރ މެދުވެރިކޮށް ހިލޭ ރަނގަޅު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، ޗެކް-އިން، ސެކިއުރިޓީ އަދި މަތިންދާބޯޓަށް އެރުމުގައި ސައްހަ އައިޑީ ކާޑު، ޑްރައިވިންގ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންގުޅުން ލާޒިމުވާނެއެވެ. އަދި ބޭރު ދަތުރުތަކަށް ޕާސްޕޯޓް ބޭނުންވާނެކަން ވެސް ފާހަގަކޮށްފައިވެއެވެ.


